ޢަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަގެ ދާއިރާ ކުރިއެރުވުމުގެ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ދައުލަތުގެ މަސްކުންފުނި، މިފްކޯގެ ޗެއާޕާސަނަކަށް ވިޔަފާރީގެ ތަޖުރިބާކާރެއް ކަމަށްވާ މއ. މަނާގޭ، އަބްދުﷲ ފާއިޒް މިއަދު އައްޔަންކޮށްފި އެވެ.
އަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަގެ ދާއިރާ ކުރިއެރުވުމުގެ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.
އޭނާ އަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) ގެ ޗެއާމަންކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަގާމަށް އޭނާއައްޔަން ކުރީ ފެބުރުވަރީ 13، 2019 ގައެވެ. މީގެ އިތުރުން، އެސްޓީއޯގެ ބޯޑުގެ ޗެއާމަންކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.
ވިޔަފާރީގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ފާއިޒު ވަނީ ދައުލަތުގެ އަދި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. މީގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ޑިރެކްޓާ ޓު ދަ ޗެއާމަންކަމާއި، ވިލާ ހޮޓެލްސްގެ ޑިރެކްޓާ އޮފް މާކެޓިން އެންޑް ޕްރޮމޯޝަންސްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ސެކްރެޓަރީ ޖެނެރަލްކަން ހިމެނެ އެވެ.
އަދި ހޮސްޕިޓާލިޓީ، ލޮޖިސްޓިކްސް، ކޭޓަރިން އަދި އިންވެސްޓްމަންޓް ދާއިރާގެ އިސް މަގާމުތައްވެސް އެމަނިކުފާނު ވަނީ ފުރުއްވާފަ އެވެ.
ފާއިޒް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފަ އެވެ.