ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސައުދުގެ މައްޗަށް ކޯޓުގައި އުފުލާފައި ވަނީ ދެ ދައުވާއެކެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް، އެރަށުގެ އާބާދީ އޮޅުވައިލި ކަމަށް ބުނާ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ދައުވާ ކޮށްފި އެވެ.
މި މައްސަލައިގައި ސައުދުއަށް ކުރަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސައުދުގެ މައްޗަށް ކޯޓުގައި އުފުލާފައި ވަނީ ދެ ދައުވާއެކެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.
ދައުވާތަކުގެ ތަފްސީލުގައި ވަނީ، މޭ 17، 2021 ގައި ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ގާނޫނުން ލާޒިމްކުރާ ޝަރުތުތައް ފުރިހަމަވާ ރަށެއްގެ ގޮތުގައި ދެއްކުމުގެ ގޮތުން ސައުދު ސޮއިކޮށް ލޯކަލް ގަވަމަންޓު އޮތޯރިޓީއަށް ހިއްސާކުރި ސިޓީގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށެވެ.
އެގޮތުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އާބާދީގައި 10،000 މީހުން ރަޖިސްޓްރީވެފައި އޮންނާނެ ކަމަށް ގާނޫނުން ލާޒިމްކުރާއިރު، އެ އަދަދު ހަމަވާ ކަމަށް ސައުދު ފޮނުވި ސިޓީގައި، މަރުވެފައިވާ މީހުންނާއި ސައްހަކަން ކަށަވަރު ނުކުރެވޭ އެހެނިހެން މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އެ މައުލޫމާތުތައް އެހެން ހުރުމުން، ލިސްޓުގައި ހިމެނޭ މީހުންގެ އައިޑީކާޑު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާ ކުރަމުން އެލްޖީއޭއިން އެދުމުން، ދެވަނަ ފަހަރަށް ވެސް ސައުދު ސޮއިކޮށް ފޮނުވާފައި ވަނީ ސައްހަ ނޫން މައުލޫމާތުތަކެއް ކަމަށް އެ އޮފީހުން ބުންޏެވެ. އެގޮތުން އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި، އެއް ނަންތަކެއް ތަކުރާރުކޮށް އެ ލިސްޓުގައި ހިމަނާފައިވާކަން ދައުވާގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން، މި މައްސަލައިގެ ތަހުގީގަށް، އެކައުންސިލުން ދައުލަތުގެ އިދާރާތަކަށް ފޮނުވި ލިސްޓު ފުލުހުންނާ ހިއްސާކުރަން އެދުމުން، އެފަދަ ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައި ނުވާކަމަށް ބުނެ ސައުދު ސޮއިކޮށް ފުލުހުންނަށް ސިޓީ ފޮނުވައި، ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފަ އެވެ.
ސައުދުގެ މައްޗަށް އުފުލާފައިވާ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުހުކުމެއް އަންނާނެ އެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 4 މަހާއި 24 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.