ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގޭ ބިލު ތަސްދީގު ކުރައްވައިފި

މި ބިލު ފާސްކުރައްވާފައި ވަނީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގު ކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގެ ބިންތައް ކައުންސިލްގެ އިހްތިސާސުން ބޭރުކޮށް ސަރުކާރަށް ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހަޅުއްވައި، ޕީއެންސީ ތާއީދާއެކު މަޖިލީހުން ބަލައިގަތް އެ ބިލު ފާސް ކުރީ މިދިޔަ ބުދަ ދުވަހު ދައުރު ނިންމާލަން ބޭއްވި ޖަލްސާގަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުން ރަށެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ކެބިނެޓުން ފާސް ކުރުމުން ކައުންސިލުގެ އިހްތިސާސުން އެ ބިމެއް ނެގުމުގެ ބާރު އޮންނާނެ އެވެ. އަދި އެކަމަށް އެއްވެސް ހުރަހެއް ކައުންސިލަށް ނޭޅޭ އިރު އެ މަޝްރޫއު ހިންގަން ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ބިލު ފާސް ކުރަން ފެންނަ ކަމަށް 49 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.

ކައުންސިލުން ބިން އަތުލެވޭ ގޮތަށް ބިލު ފާސް ކުރީ އެތައް އެކަމާ ދެކޮޅަށް 2300 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. އަދި އެ މަސައްކަތް ފެށުމުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެއް މައުލޫއެއްގެ ދެ ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ނެތުމުން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ގަވާއިދު އިސްލާހު ކުރުމަށް ފަހު އެ ބިލާ އެއްކޮޅު ޕެޓިޝަން ވެސް މަޖިލީހަށް ވައްދައި އެއަށް ބަހުސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.