ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯއަށް މިހާރު 20ރ. އަށްވުރެ ދަށްކޮށް މަސް ނުގަންނާނެ ކަމަށެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަ އަގު ދެން 20ރ. އަށްވުރެ ކުޑަނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިފްކޯއަށް މަސް ގަންނަ އަގު 20ރ. ގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި އެ ރޭޓު އެއަށްވުރެ މައްޗަށް ގެންދެވޭނެފަދަ ގޮތެއްވެއްޖެނަމަ، އެކަންވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯއަށް މިހާރު 20ރ. އަށްވުރެ ދަށްކޮށް މަސް ނުގަންނާނެ ކަމަށެވެ.
"ޑިސެމްބަރު މަހު ރައީސް ވިދާޅުވީ 16ރ. އަށްވުރެ ދަށްނުވާނެ ގޮތަށް މަހުގެ އަގު ހިފަހައްޓަވާނެ ކަމަށް. އޭގެ ފަހުން އަޅުގަނޑުމެންނަށް މި 20ރ. އަށް ކަނޑައެޅުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް. މިހާރު ރައީސްގެ ވައުދުފުޅާ އެއްގޮތަށް. ޔަގީނުން ވެސް 20ރ. އަށްވުރެ ދަށް ނުވާނެ އަގެއްގައި މިފްކޯއިން މަސް ގަންނަމުން އެދަނީ،" ޝިޔާމް ވިދާޅުވި އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަހުގެ އަގު ހިފެހެއްޓުމަށް މިފްކޯއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އެގޮތުން، މިފްކޯގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ތެލަށް ކުރަން ޖެހޭ ހަރަދު ކުޑަކޮށް، މިފްކޯގެ ހުރިހާ ފެސިލިޓީތަކުން މަސްވެރިންނަށް ދޫކުރާ ތެޔޮ މިހާރު ދޫކުރަމުން ދަނީ އެސްޓީއޯ އިން ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.
މަސްވެރިން އަތުން ގަންނަ މަހުގެ އަގު، 48 ގަޑިއިރުތެރޭގައި ދިނުމަކީ ވެސް މިސަރުކާރުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މަސްވެރިންނަށް މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ.