ކުއްޖާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް ރޭ ފަތިހު

ހުޅުމާލެ ވިނަރެސް ފްލެޓުތައް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެ ކުއްޖާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ މ. ލެމަންޓްރީގެ ޒީވާ ސިނާން އަހުމަދެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ހާދިސާ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން، މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ ހާދިސާގައި ކުއްޖާގެ އިތުރުން ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވި އެވެ.