ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުން 2024 ވަނަ އަހަރު ރާއްޖެ އަށް އެތެރެކޮށްފައިވަނީ 273,840.51 ކިލޯގެ ކާއްޓެވެ. ނަމަވެސް 2025 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 1,107,804.75 ކިލޯ އަށް އިތުރުވެފަ އެވެ.

ދުނިޔެ ދުށް ބޮޑު ތަދުގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށް ދިނީ ދިވެހި ރުކެކެވެ. ނުވަތަ ރާއްޖޭގެ ގައުމީ ގަހެވެ.ކުރުން ވެއްޓޭ ކާއްޓަކީ އޭރުވެސް އަދި މިހާރުވެސް ދިވެހިންގެ ފުޑް ސެކިއުރިޓީގެ އެއް ބައެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ފެންނަނީ ދިވެހި ރުށް މަދުވެ، ކާށި ލިބުން ދަތުވަމުން ދިއުމާއެކު ރާއްޖެއަށް ކާށި އިމްޕޯޓް ކުރުން މަތިވަމުންދާ ތަނެވެ.
ކަސްޓަމްސް އިން މިރާއަށް ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ރާއްޖެއަށް ކާށި އެތެރެކުރި މިންވަރު ގާތްގަނޑަކަށް ހަތަރު ގުނަ ވަނީ އިތުރުވެފަ އެވެ. މި ހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރާއްޖެ އަށް އެތެރެކޮށްފައިވަނީ 273,840.51 ކިލޯގެ ކާއްޓެވެ. ނަމަވެސް 2025 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 1,107,804.75 ކިލޯ އަށް އިތުރުވެފަ އެވެ.
ކާށި އެތެރެކުރި މިންވަރު އިތުރުވުމާއެކު، އެކަމަށް ކުރި ހޭދަ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު ކާށި އެތެރެކުރުމަށް ސީއައިއެފްގެ ގޮތުގައި 3 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 14 މިލިއަން ރުފިޔާ އަށް އަރާފައެވެ. މިއާއެކު، އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ 23,562.43 ރުފިޔާ އިން 120,723.93 ރުފިޔާއަށް އިތުރުވެފަ އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ކާށި އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ އިންޑިއާ އެވެ. އިންޑިއާ އިން އެކަނި ވެސް 2024 ވަނަ އަހަރު 247,427.20 ކިލޯގެ ކާށި އެތެރެކޮށްފައިވާއިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 1 މިލިއަން ކިލޯ އަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ މުޅި ޖުމްލަ އެތެރެކުރި ކާށީގެ އެންމެ ބޮޑު އިންސައްތަ އެވެ.
އިންޑިއާގެ އިތުރުން ދެން އެންމެ ގިނައިން ކާށި އެތެރެކޮށްފައިވަނީ ސްރީލަންކާއިންނާއި ތައިލެންޑުންނެވެ. އެގޮތުން 2025 ވަނަ އަހަރު ސްރީލަންކާއިން 21,382.84 ކިލޯ އަދި ތައިލެންޑުން 11,965.18 ކިލޯގެ ކާށި ވަނީ އެތެރެކޮށްފައެވެ. މިއީވެސް 2024 ވަނަ އަހަރު (ސްރީލަންކާއިން 15,779.67 ކިލޯ އަދި ތައިލެންޑުން 10,244.05 ކިލޯ) އެ ދެ ގައުމުން އެތެރެކުރި ވަރާ އަޅާބަލާއިރު އިތުރުވެފައިވާ އަދަދުތަކެކެވެ.