މި މައްސަލަތަކުގެ ތަޙުޤީޤުން މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި މި 6 މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00 ދިވެހި ރުފިޔާ އަދި 1,627,810 ޑޮލަރު ދައުރުކޮށްފައިވޭ

ރާއްޖޭގައި ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ ހަ ބިދޭސީއަކު އަތުލައިގެންފި އެވެ.
ފުލުހުން މިރޭ ބުނީ، މޯލްޑިވްސް އިމިގްރޭޝަނާއެކު ހިންގި އޮޕަރޭޝަނެއްގައި ހުއްދަ ނެތި ޑޮލަރު ގަނެ ވިއްކާ ހަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޓެއިން ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް އެއްކުވެރިފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރުތެރޭ އެމީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54.4 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ. އަދި 1.6 މިލިއަން ޔޫއެސް ޑޮލަރު އެމީހުންގެ އެކައުންޓްތަކުގައި ދައުރުކޮށްފައިވާ ކަމަށެވެ.
"މިފަރާތްތަކަކީ ހުއްދަ ދެވިފައިވާ މަސައްކަތްކުރުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއް،" ފުލުހުން ބުންޏެވެ.
އަތުލައިގަތް މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަތަރު މީހުންނާއި އިންޑިއާގެ ދެ މީހުންނެވެ. އެމީހުން ރާއްޖެ އެތެރެވެފައި ވަނީ އެކިއެކި ވޯކް ވިސާގަ އެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މީހުންގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާ ހިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތް ކުރުމަށް އެ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެއްވެސް މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ބަޔަކު ހިންގާ ގާނޫނާއި ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ މީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް،" ފުލުހުން ބުންޏެވެ.
އެހެންވެ، ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް އެއްވެސް މީހަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.