ކަނޑުން ތެލާއި ގޭސް އަދި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ހާއްސަ ބިލެއް ފަރުމާކުރުމަށް ވެސް ވަނީ ނިންމާފައި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް. | ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި، ގޭހާއި، މައުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީ އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އަދި ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ހާއްސަ ބިލެއް ފަރުމާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މި ޖަލްސާގައި ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ޤައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ޖަރުމަނު ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލާއި ގޭސް ހުރިތޯ ބެލުމުގެ ދިރާސާތަކެއް ކުރިއަށް ގެންދިޔަ އެވެ.

އަދި ރާއްޖޭގެ ކަނޑުގެ އަޑީގައި ތެލާއި ގޭސް ހުރި ކަމުގެ ނިޝާންތައް އެ ދިރާސާއިން ދައްކާ ކަމަށް އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އެ މަސައްކަތް ދެން އޮތް ހަރުފަތަށް ނުގެންދެވުނީ ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ދަށަށް ދިޔުމާ ގުޅިގެން ކަމަށް އޭނާ ފަހުން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާނެތީ ތެލާއި ގޭސް ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.