ގޭބިސީގެ އާމްދަނީ އާއި ހަރަދުގެ ސާވޭ މާލޭގައި ފަށައިފި

އެ ސާވޭ އަށް ބޭނުންވާ މައުލޫމާތު ހޯދަން ތަމްރީން ލިބިފައިވާ ސްޓެޓިސްޓިކްސް މޯލްޑިވްސްގެ އޮފިޝަލުން ގޭގެއަށް ދާނެ

މާލެ މަގުމަތި: ގޭބިސީތަކަށް ލިބޭ އާމްދަނީ އާއި ހަރަދުގެ ސާވޭ ފަށައިފި

މާލެ ސަރަހައްދުގެ ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދާ ގުޅޭ ސާވޭއެއް ހަދަން ފަށައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ މާލެ ސަރަހައްދުގައި އެ ސާވޭ ހެދުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށާއި އެ މަސައްކަތް އަންނަ މަހު 10 އަކާ ހަމައަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

ސާވޭ ހެދުމަށް ހޮވާލެވިފައިވާ ގޭބިސީތަކަށް ޓީމުތައް ދާނެ ކަމަށާއި އެކަމަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް އެ ބިއުރޯ އިން ބުންޏެވެ.

ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނި ގޮތުގައި އެ ސާވޭ ހަދަނީ ގޭބިސީގެ އެވަރޭޖް ހަރަދާއި އެކި ކަންކަމަށް ހަރަދު ކުރާ މިންވަރު ދެނެގަތުމާއި ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުމަށެވެ. އަދި ބާޒާރުގެ އަގުތަކުގެ މިންގަނޑު (ސީޕީއައި) ގެ ބަރުދަން އިސްލާހު ކުރުމާއި އާމްދަނީ އާއި ހަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް ވެސް އެކުލަވައިލުމަށެވެ. 

އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ކޮށްފައިވާ ހަރަދުތަކާއި ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދަން ދިޔަ ހަރަދުތައް ހޯދާނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުންޏެވެ.

އޭގެ އިތުރުން ގޭބިސީގައި ކެއުމަށް ބޭނުން ކުރާ ތަކެއްޗާއި ވޭތުވެދިޔަ ހަތް ދުވަސް ތެރޭގައި ބޭރުން ކެއުން ބުއިމަށް ކޮށްފައިވާ ހަރަދުތައް ފަދަ މައުލޫމާތުތައް އޮޅުން ފިލުވާނެ ކަމަށް އެ ބިއުރޯ އިން ބުންޏެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ ގާނޫނުން މިފަދަ ސާވޭތައް ހެދުން ހުއްދަ ކުރާއިރު އެ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަން ވެސް ލާޒިމް ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.