އެމްއެމްއޭ އިން އަމަލު ކުރަން ފެށި އެއް ގަވައިދަކީ އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވައިދެކެވެ، އަނެއް ގަވައިދަކީ އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދެވެ.

އިންޝުއަރެންސްއާބެހޭ ޤާނޫނު ތަންފީޛުކޮށް ހިންގުމަށް ބޭނުންވާ ދެ ގަވާއިދެއް ހަދައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.
އެމްއެމްއޭ އިން އަމަލު ކުރަން ފެށި އެއް ގަވައިދަކީ އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދެވެ.
މި ގަވާއިދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަރކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމުގެ ގަވާއިދެވެ. މިގޮތުން، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން، އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.
އެމްއެމްއޭ އިން އަމަލު ކުރަން ފެށި އަނެއް ގަވައިދަކީ އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދެވެ.
މި ގަވާއިދަކީ އިންޝުއަރެންސްއާބަހޭ ޤާނޫނުގައި ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެެކެވެ. މިގޮތުން، މި ގަވާއިދުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ޤާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތާއި، އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނޭނެއެވެ.