މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު، ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް ވަނީ އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުވައްމުލަކު ސިޓީގައި މަސްތުގެ ހާލަތުގައި އެއްފަހަރާ ތިން އެކްސިޑެންޓްކޮށް، ކާރަކަށް ގެއްލުން ދިން ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ އިރުއޮއްސި 18:22 އެހައިކަންހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރަކާއި ރުކެއްގައި ޖައްސައި އެކްސިޑެންޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން ބުނީ ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު، ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް ވަނީ އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކާރުގެ ވެރިފަރާތަކީ އެ ފިރިހެން މީހާގެ އަންހެނުންނެވެ.
މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.