އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި ވަނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުންނެވެ.

ރިސޯޓު މުވައްޒަފުންނަށް މިހާރު ޑޮލަރުން ދެމުން އަންނަ މުސާރަ، 2030 ވަނަ އަހަރާ ހަމައިން ރުފިޔާއިން ދިނުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، އިގްތިސޯދުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމަށް ދުރުރާސްތާގެ ތަސައްވުރެއް އެކުލަވާލައިފަ އެވެ.
އެގޮތުން، ޓޫރިޒަމް ދާއިރާގައި ކުރާ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރުމަށް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ވެސް ހިމެނެ އެވެ.
އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި ވަނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުންނެވެ.
ޓީމުން ބުނެފައި ވަނީ ސަރުކާރުން ޑޮލަރު މާރުކުރުން މަޖުބޫރުވާ ގޮތަށް ފާސްކުރި ގާނޫނާ ގުޅިގެން، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ދަތިތަކާ ކުރިމަތިވެ، ބައެއް ރިސޯޓުތަކުން ޑޮލަރުން މުސާރަ ނުދެވޭނެ ކަމަށް އަންގަމުންދާ ކަމަށެވެ. އެހެންވެ. ރިސޯޓުތަކުގެ ވީހާވެސް ގިނަ މުވައްޒަފުން އެ ޕެޓިޝަންގައި ސޮއިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ޓީމުން ވަނީ ގޮވާލައިފަ އެވެ.
އެ ޕެޓިޝަންގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން މިހާރު ދަނީ ސޮއިކުރަމުންނެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ މަރުކަޒީ ބޭންކުގެ އަމާޒަކީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ކަނޑައެޅުން ކަމަށެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ ދިހަވަރަކަށް އަހަރު ވަންދެން މައިގަނޑު ގޮތެއްގައި ޑޮލަރަށް ބަރޯސާވެފައި އޮތުމުން، މި ބަދަލު ގެންނަންވާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ނުކުރެވޭ ނަމަ، މަނިޓަރީ ޕޮލިސީ (ފައިސާއާ ބެހޭ ސިޔާސަތު) އެންމެ އެދެވޭ ގޮތެއްގައި ތަންފީޒެއް ނުކުރެވޭނެ. މި ހުރިހާ ބަދަލެއް އެއްފަހަރާ ނުގެނެވޭނޭތީ، އެމްއެމްއޭގެ ތަސައްވުރަކީ 2030 އާ ހަމައަށް މި ބަދަލުތައް ގެނައުން،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާ ވަނީ ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު ވެސް ފާސްކޮށްފަ އެވެ.
ނަމަވެސް ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނި ގޮތުގައި 40 ޕަސެންޓަކީ ތަހަންމަލު ކުރެވޭ ވަރުގެ ބުރައެއް ނޫން ކަމަށެވެ.