އަހަރުގެ މިހާތަނަށް ލިބިފައިވާ ޖުމްލަ ނަތީޖާ އަށް ބަލާއިރު، ޖެނުއަރީ 1 އިން ފެށިގެން އޮގަސްޓު 26 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،400،273 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި ހިނގާ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެ އަށް 172،487 ޓޫރިސްޓުން ޒިޔާރަތްކޮށް، ޓޫރިޒަމަށް 2.2 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ޓޫރިސްޓުން އައިސްފައިވާ އަދަދަކީ ފާއިތުވި 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 168،698 މީހުންނާ އަޅާބަލާއިރު 2.2 ޕަސެންޓްގެ ކުރިއެރުމެކެވެ. މި ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ މިހާތަނަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،996 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް ލިބިފައިވާ ޖުމްލަ ނަތީޖާ އަށް ބަލާއިރު، ޖެނުއަރީ 1 އިން ފެށިގެން އޮގަސްޓު 26 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،400،273 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،463،566 ފަތުރުވެރިންނާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރުގެ ކުރީކޮޅު ފެބްރުއަރީ މަހު ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް، މާރިޗު، އެޕްރީލް އަދި ޖޫން މަހު ފަތުރުވެރިން އައި ނިސްބަތް ވަނީ ދަށްވެފައެވެ. ނަމަވެސް އޮގަސްޓު މަހު އަނެއްކާވެސް މިވަނީ ޕޮޒިޓިވް ކުރިއެރުމެއް ހޯދާފައެވެ. ރާއްޖޭގެ ޓޫރިސްޓުންގެ ބެޑް ކެޕޭސިޓީ އާއި ގެސްޓްހައުސް މާކެޓް ފުޅާވަމުން އަންނައިރު، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު މި އަހަރުގެ ފަހުކޮޅު އިތުރުވެގެންދާނެކަމަށް ބެލެވެ އެވެ.