ބުކްލެޓުގެ ސްޓޮކް ލިބުން ލަސްވާތީ، ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދެނީ

މި މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، ލަފާކުރި ވަރަށް ވުރެ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން، ދެން ޕާސްޕޯޓު ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ދިވެހި ޕާސްޕޯޓްތަކެއް -- ފޮޓޯ: ޓީއެމްޖޭ

ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، މިހާރު ހުރި ސްޓޮކް މެނޭޖްކުރުމަށްޓަކައި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނައުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދެމުން އަންނަ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ސްޓޮކް ފޯރުކޮށްދިނުން ވަނީ ލަސްވެފަ އެވެ.

މި މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، ލަފާކުރި ވަރަށް ވުރެ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން، ދެން ޕާސްޕޯޓު ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެހެންކަމުން، މިހާރު ހުރި ސްޓޮކް މެނޭޖުކުރުމަށްޓަކައި، މިއަދުން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

  • ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުން: ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަކަށް އެދޭ ފަރާތްތަކަށް، އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުން. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ފީއަކާ ނުލަ އެވެ.
  • އިމަރޖެންސީ ޕާސްޕޯޓު ދޫކުރުން: އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ދިވެހިން އާންމުކޮށް ކުރު މުއްދަތަކަށް ދަތުރުކުރާ ޤައުމުތަކަށް ފުރާ ފަރާތްތަކަށް "އިމަރޖެންސީ ޕާސްޕޯޓު" ދޫކުރުން. މިއީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، 1 އަހަރުގެ މުއްދަތު އޮންނަ 8 ޞަފުޙާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. މި ޕާސްޕޯޓު ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެ އެވެ.

ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފަ އެވެ. 

އަދި މި ބަދަލުތަކާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ އިދާރާއިން ވަނީ މައާފަށް އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.