މި ބަދަލާއެކު ބޫޓާއި ކަމަރު ބާލަން ޖެހުމަކީ މާޒީ އަށް ވެގެންދާނެ އެވެ. މިކަމުގެ ސަބަބުން ދަތުރުވެރިންނަށް ސެކިއުރިޓީ ޗެކްޕޮއިންޓްތައް ހުރަސްކުރުމުގައި ވަގުތު ސަލާމަތްވެ، ކަންކަން އިތުރަށް އަވަސްވެ ފަސޭހަވެގެންދާނެ އެވެ.

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް (ޑީއެކްސްބީ) އިން ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ދަބަހުން ލެޕްޓޮޕާއި ދިޔާތަކެތި ނުނަގައި އަދި ބޫޓާއި ކަމަރު ފަދަ ތަކެތި ނުބާލައި ސެކިއުރިޓީ ކްލިއަރެންސް ހެދޭނެ އައު ސްކޭނަރު ތަކެއް ބަހައްޓަން ފަށައިފި އެވެ.
ދުބާއީ އެއާޕޯޓްސްގެ ސީއީއޯ ޕޯލް ގްރިފިތްސް ވިދާޅުވީ މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ސެކިއުރިޓީ މެޝިންތަކެއް ކަމަށާއި، މި ބަދަލާއެކު ދަބަހުން ލެޕްޓޮޕް އަދި ދިޔާތަކެތި ނަގަން ނުޖެހޭނެ ކަމަށެވެ.
"ބޫޓާއި ކަމަރު ބާލަން ޖެހުމަކީ މާޒީއަށް ވެގެންދާނެ. މިކަމުގެ ސަބަބުން ދަތުރުވެރިންނަށް ސެކިއުރިޓީ ޗެކްޕޮއިންޓްތައް ހުރަސްކުރުމުގައި ވަގުތު ސަލާމަތްވެ، ކަންކަން އިތުރަށް އަވަސްވެ ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ފަސިންޖަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް ފެށި މި ޕްރޮގްރާމްގެ ދަށުން ދުބާއީ އެއާޕޯޓުގެ ތިން ޓާމިނަލްގައި ވެސް މި ސްކޭނަރުތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިއީ މަތީ ފެންވަރުގެ "ޓްރީޑީ" އިމޭޖިން ފޯރުކޮށްދޭ ސްކޭނަރުތަކެކެވެ. މެއި 2025 ގައި ދުބާއީ އޭވިއޭޝަން އިންޖިނިއަރިން ޕްރޮޖެކްޓްސް އިން ވަނީ ސެކިއުރިޓީ ވަރުގަދަކޮށް، އޮޕަރޭޝަނަލް އެފިޝެންސީ ރަނގަޅުކުރުމަށް މި ސްކޭނަރުތައް ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓް 'ސްމިތްސް ޑިޓެކްޝަން' ކުންފުންޏާ ހަވާލުކޮށްފައެވެ.
ގްރިފިތްސް ވިދާޅުވި ގޮތުގައި، މިހާރުވެސް އެއަރޕޯޓުގެ ބައެއް ސަރަޙައްދުތަކުގައި އައު މެޝިންތައް ބަހައްޓައި އަދި ތަޅުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ އަމާޒަކީ އެއަރޕޯޓުގައި ބޭނުންކުރާ ބާ މެޝިންތައް އެއްކޮށް ބަދަލުކޮށް، ހުރިހާ ފަސިންޖަރުންނަށްވެސް އެއް ފެންވަރެއްގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އައު އިމިގްރޭޝަން ޓެކްނޮލޮޖީ ފޯރުކޮށްދެނީ 'އިމާރާތްޓެކް' ކުންފުނިން ކަމަށްވެސް އޭނާ ވަނީ ޔަޤީންކޮށް ދެއްވާފަ އެވެ. މީގެ އިތުރުން، ޓާމިނަލް 1 ގައި މުޅިން އައު ރީޓެއިލް ސަރަޙައްދެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން ވެސް ގްރިފިތްސް ހާމަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޑީއެކްސްބީ ތަރައްޤީކުރުމަށްޓަކައި ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމަށާއި މިއީ ވަރަށް އަވަހަށް އޭގެ ފައިދާ ފެނިގެންދާނެ ޕްރޮޖެކްޓްތަކެއް ކަމަށެވެ.