"ގުޅިފަޅާ ހަމައަށް ބްރިޖު ގުޅިގެން މުޅި ބްރިޖުގަ ތާރު އެޅުމާއި މިކަންކަން ދާން އޮތީ. އެހެންވީމަ ވިލިމާލެ މާލެ ދެމެދު ގުޅިގެން ދިޔަޔަސް ބޭނުން ކުރާ ހިސާބަކަށް ނުދޭ." ރައީސް ވިދާޅުވި އެވެ.

ކުރިޔަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ތިލަމާލެ ބްރިޖު ތިލަފުއްޓާ ހަމައަށް ގުޅައިލައި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމަށް އިއްޔެ ދެއްވި އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ދެ އަހަރު ނިމުން އިރު ބްރިޖުގެ މަސައްކަތް އެކަށީގެންވާ އަވަސް މިނެއްގައި ކުރިޔަށް ގޮސްފައި ނުވާތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ފުރަތަމަ ބައްދަލުވި ދުވަހު އެކަން އަވަސް ކޮށްދިނުމަށް އެދިވަޑައިގަތް ކަމަށެވެ.
އެގޮތުން ދެ ގައުމު ދެމެދު ހައި ލެވަލް ކޮމިޓީއެއް އުފައްދައި ބްރިޖާއި އެހެނިހެން މަސައްކަތްތަކަށް ވެސް އިސްކަން ދީގެން ކުރިޔަށް ގެންދަން ނިންމި ކަމަށާއި އޭގެ ފަހުން ބްރިޖުގެ މަސައްކަތް އަވަސްވެ މިހާރު ވިލިމާލެ އާ ހަމައަށް ހިނގާފައި ދެވޭ ވަރަށް ބްރިޖު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަހަރެއްހާ ދުވަސް ތެރޭ މުޅި މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް، ތިލަފުއްޓާ ހަމައަށް ގުޅާލާ ނިމޭނެ ކަމަށް އުންމީދު ކުރަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބްރިޖު ވިލިމާލެ އާ ހަމައަށް ގުޅައިލެވުނަސް ޓޭކްނިކަލް ސަބަބުތަކާ ހެދި ބްރިޖު ބޭނުން ކުރަން ފެށޭނީ ތިލަފުއްޓާ ހަމައަށް ގުޅައިލައިގެންނެވެ.
"ގުޅިފަޅާ ހަމައަށް ބްރިޖު ގުޅިގެން މުޅި ބްރިޖުގަ ތާރު އެޅުމާއި މިކަންކަން ދާން އޮތީ. އެހެންވީމަ ވިލިމާލެ މާލެ ދެމެދު ގުޅިގެން ދިޔަޔަސް ބޭނުން ކުރާ ހިސާބަކަށް ނުދޭ." ރައީސް ވިދާޅުވި އެވެ.
ބްރިޖުގެ ކޮލިޓީ އާ ގުޅޭ ގޮތުން އުފައްދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖުގެ ކޮލިޓީ ބެލެހެއްޓުމަށް ހަވާލު ކޮށްފައި ވަނީ ސިނަމާލެ ބްރިޖުގެ ކޮލިޓީ ވެސް ބެލެހެއްޓި ފަރާތާ ކަމަށެވެ. އެއީ ދުނިޔޭގައި އެކަން ބްރިޖުތަކުގެ ކޮލިޓީ ބަލަހައްޓަން އެންމެ މޮޅު އެއް ބޭރު ކުންފުނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.