ބާސެލޯ ނަސަންދުރަ ހޮޓަލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ ކަމަށްވާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުންނާއެކު ފަށައިފި އެވެ.
މާލޭގައި ހުންނަ ބާސެލޯ ނަސަންދުރަ ހޮޓަލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ވަނީ ބައިވެރިވެފައެވެ. އަދި 130 އަށްވުރެ ގިނަ ރިސޯޓް ހޮޓެލްތަކުންވެސް މި ފެއާގައި ބައިވެރިވާކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޙަރަކާތްތެރިންނަށް ޕްރޮފެޝަނަލް ގުޅުންތައް ޤާއިމުކުރުމަށާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް އުފެއްދުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުޞަތެކެވެ.
މި އަހަރުގެ ފެއާގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރަކީ "ވިޒިޓް މޯލްޑިވްސް" އެވެ. ވިޒިޓް މޯލްޑިވްސް އިން ވަނީ މި ފެއާގައި އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވެ، ހާއްސަ ލައުންޖެއް ޤާއިމުކޮށްފަ އެވެ. މި ލައުންޖު މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ޑީއެމްސީތައް އެއާލައިންތައް އަދި މީޑިއާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަޤުސަދަކީ ބައިނަލްއަޤްވާމީ މާކެޓިންގ ހަރަކާތްތައް ފުޅާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމެވެ. މީގެ އިތުރުން، މި ފެއާގެ ތެރެއިންނާއި 'ޓީޓީއެމް ކަނެކްޓް' ޑިޖިޓަލް ޕްލެޓްފޯމް އަދި ސޯޝަލް މީޑިއާ މަންސަތަކުގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން ފުޅާދާއިރާއެއްގައި ދައްކުވައިދޭނެ އެވެ.
ޓީޓީއެމް ފެއާ ނިންމާލުމުގެ ގޮތުން ބާއްވާ ޓީޓީއެމް އެވޯޑްސް އެންޑް ގާލާ އޮންނާނީ މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ. މި ޙަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުން އޮންނާނެއެވެ.