ނަމަވެސް މިނިސްޓްރީން މިއަދު ބުނީ، އެޕްލިކަންޓުންނަށް އިތުރު ލުއިފަސޭހަކަން ދިނުމުގެ ގޮތުން އެ މުއްދަތު 21 ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ ފޯމުގައި ހިމެނޭ މައުލޫމާތު ސައްހަ ނޫންނަމަ، ފޯމު އަލުން ހުށަހެޅުމަށް ދިން މުއްދަތު، 21 ދުވަހަށް އިތުރު ކޮށްފި އެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަންގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުންދާއިރު، އެޕްލިކޭޝަން ފޯމުގައި ހުރި މައުލޫމާތާއި، އިދާރާތަކުން ހޯދާ މައުލޫމާތާ ފުށުއަރާނަމަ، އެކަން ރަނގަޅު ކުރަން ކުރިން ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
ނަމަވެސް މިނިސްޓްރީން މިއަދު ބުނީ، އެޕްލިކަންޓުންނަށް އިތުރު ލުއިފަސޭހަކަން ދިނުމުގެ ގޮތުން އެ މުއްދަތު 21 ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި 'ބޯހިޔާވަހިކަން ޕޯޓަލް' މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމަށާއި އެކަމާ ގުޅުން ހުރި ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއީ ފޯމުގައި މައްސަލަ ހުރެގެން އެކަމަށް ޖަވާބުދާރީވުމަށް ނުވަތަ އިއުތިރާޒެއް ވާނަމަ، އެކަން ބަޔާންކުރަން ނުވަތަ ޖަވާބުދާރީވާން ލިބޭ މުއްދަތެކެވެ.
މިނިސްޓްރީން ބުނެފައި ވަނީ މައުލޫމާތުގެ ފުށުއެރުމެއް އުޅޭނަމަ، އެޕްލިކެންޓުންގެ ފޯމުގައި ހިއްސާކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސްއަކުން ފޮނުވާނެ ކަމަށާއި، ދީފައިވާ މުއްދަތުގައި ޖަވާބެއް ހުށަނާޅާނަމަ، އެމީހެއްގެ ޝަރުތު ހަމަނުވާ ކަމަށް ނުވަތަ ލިޔުންތައް ފުރިހަމަ ނުވާކަމަށް ބެލެވޭނެ ކަމަށެވެ.