ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅާފައިވާ އެ ބިލު ފާސް ކުރަން ފެންނަ ކަމަށް 49 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.

ރަށްރަށުގެ ބިންތައް ކައުންސިލުން އަތުލުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދު ފާސްކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުން ރަށެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ކެބިނެޓުން ފާސް ކުރުމުން ކައުންސިލުގެ އިހްތިސާސުން އެ ބިމެއް ނެގުމުގެ ބާރު އޮންނާނެ އެވެ. އަދި އެކަމަށް އެއްވެސް ހުރަހެއް ކައުންސިލަށް ނޭޅޭ އިރު އެ މަޝްރޫއު ހިންގަން ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅާފައިވާ އެ ބިލު ފާސް ކުރަން ފެންނަ ކަމަށް 49 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.
ކައުންސިލުން ބިން އަތުލެވޭ ގޮތަށް ބިލު ފާސް ކުރީ އެތައް އެކަމާ ދެކޮޅަށް 2300 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. އަދި އެ މަސައްކަތް ފެށުމުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެއް މައުލޫއެއްގެ ދެ ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ނެތުމުން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ގަވާއިދު އިސްލާހު ކުރުމަށް ފަހު އެ ބިލާ އެއްކޮޅު ޕެޓިޝަން ވެސް މަޖިލީހަށް ވައްދައި އެއަށް ބަހުސް ކޮށްފަ އެވެ.