މިހާތަނަށް ލިބިފައިވާ ޖިއޮލޮޖިކަލް މަޢުލޫމާތުތަކަށް ބިނާކޮށް ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ސަރަޙައްދުގައި ގާތްގަނޑަކަށް 2 ބިލިއަން ފީފާގެ ޕެޓްރޯލިއަމް އާއި 9 ޓްރިލިއަން ކިއުބިކް ފޫޓުގެ ގުދުރަތީ ގޭސް ހުރެދާނެ އެވެ.

ސްރީލަންކާގެ މަންނާރު ބޭސިންގައިވާ ގާތްގަނޑަކަށް 34،000 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ތެޔޮ ހޯދުމުގެ މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ހަކަތައާބެހޭ ކުންފުނިތަކަށް އެ ގައުމުން ހުޅުވާލައިފި އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން މިއަދު ރަސްމީކޮށް ފެށި "2026 ސްރީލަންކާ ޕެޓްރޯލިއަމް އެކްސްޕްލޮރޭޝަން ލައިސަންސް އެވޯޑިން ރައުންޑް" ގެ ދަށުން، މަންނާރު ބޭސިންގެ 4 ބްލޮކެއްގައި ތެޔޮ ހޯދުމުގެ މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ކުންފުނިތަކަށް ފުރުސަތު ދެވޭނެ އެވެ.
މިހާތަނަށް ލިބިފައިވާ ޖިއޮލޮޖިކަލް މަޢުލޫމާތުތަކަށް ބިނާކޮށް ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ސަރަހައްދުގައި ގާތްގަނޑަކަށް 2 ބިލިއަން ފީފާގެ ޕެޓްރޯލިއަމް އާއި 9 ޓްރިލިއަން ކިއުބިކް ފޫޓުގެ ގުދުރަތީ ގޭސް ހުރެދާނެ އެވެ.
މިކަމަށްޓަކައި ޑެމަޓަގޮޑާގައި ހުންނަ ސްރީލަންކާ ޕެޓްރޯލިއަމް ކޯޕަރޭޝަންގެ މައި އޮފީހުގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެނާޖީ، ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އަނޫރާ ކަރުނަތިލަކައާއި، ލޭބާ މިނިސްޓަރު ޑރ. އަނިލް ޖަޔަންތަ އަދި ޑެޕިއުޓީ މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން އެވެ. މީގެ އިތުރުން ޕެޓްރޯލިއަމް ޑިވެލޮޕްމަންޓް އޮތޯރިޓީ އޮފް ސްރީލަންކާގެ ޗެއާމަން ޕްރޮފެސާ ދައްމިކަ ތަންތްރިގޮޑާ، ޑިރެކްޓަރ ޖެނެރަލް ޑރ. ނީލް ޑި ސިލްވާ، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ޗެއަރމަން ޑީ.ޖޭ.އޭ.އެސް. ޑި ރާޖަކަރުނާ އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ޑރ. ޑި ސިލްވާ ވިދާޅުވި ގޮތުގައި މީގެ ކުރިން ކުރެވުނު ދިރާސާތަކުން މަންނާރު ބޭސިންގައި ގުދުރަތީ ގޭހާއި ލިކުއިޑް ހައިޑްރޯކާބަން ހުރިކަން ވަނީ ކަށަވަރުކުރެވިފަ އެވެ. ނަމަވެސް އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ދިރާސާކުރެވިފައި ވަނީ އެ ސަރަޙައްދުގެ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ. އެހެންކަމުން ޒަމާނީ ޖިއޮލޮޖިކަލް އެކްސްޕްލޮރޭޝަން ޓެކްނިކްސްއާއި އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން އަދިވެސް ވަރަށް ބޮޑު ސަރަޙައްދެއް ދިރާސާކުރަން ޖެހިފައިވާކަމަށް އޮތޯރިޓީން ބުނެ އެވެ.
މި އެކްސްޕްލޮރޭޝަން ރައުންޑްގައި ބައިވެރިވާ ބައިނަލްއަޤްވާމީ ކުންފުނިތަކަށް، ޕެޓްރޯލިއަމް ޑިވެލޮޕްމަންޓް އޮތޯރިޓީގައި މިހާރު ހުރި މަންނާރު ބޭސިންގެ ޖިއޮލޮޖިކަލް ޑޭޓާތައް ބެލުމުގެ ފުރުސަތު ދެވޭނެ އެވެ. ހަކަތައިގެ ބޭނުންތައް ފުއްދުމަށްޓަކައި އެތެރެކުރާ ތެލަށް ބޮޑަށް ބަރޯސާވެފައިވާ ސްރީލަންކާއަށް، މި ސަރަޙައްދުން ލަފާކުރެވޭ މިންވަރަށް ތެލާއި ގޭސް ފެނިއްޖެނަމަ އެއީ އެ ގައުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެކެވެ. އެހެންނަމަވެސް، މި ވަސީލަތްތަކުގެ އަސްލު މިންވަރާއި ވިޔަފާރީގެ ގޮތުން މީގެ ފައިދާ ލިބޭނެ މިންވަރު އެނގިގެންދާނީ އިތުރަށް ކުރެވޭ ދިރާސާތަކާއި ތެޔޮ ނެގުމުގެ މަސައްކަތް ކާމިޔާބުވާ މިންވަރެއްގެ މައްޗަށެވެ.