ރައީސް ވިދާޅުވީ އެ ބިލު ފާސްވެގެން ދިއުމާއެކު، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށެވެ.

ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.
އެކަމަށްޓަކައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމަށް މިއަދު މަޖިލީހަށް ބިލެއް ހުށަހަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބިލު ފާސްވެގެން ދިއުމާއެކު، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށެވެ. އަދި އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލައަށް ވެސް އެ ބިލުގެ ސަބަބުން ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލުގައި، ކުށެއްގެ ތުހުމަތުވާ މީހާގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ ސާބިތުނުވިޔަސް މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ، އެ މުދަލެއް ދައުލަތަށް ނެގޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.