މާރުކުރަން ޖެހޭ އަދަދު ބޮޑު ކުރުމުގެ ސިޔާސަތަކީ އޭގެ ސަބަބުން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ނަޝީދު ވިދާޅުވި

ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރުމުން ޓޫރިޒަމް ދާއިރާ ބޮޑު ރިސްކަކަށް ވެއްޓޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ވަންނަ ޑޮލަރު އިތުރު ކުރުމަށް ސަރުކާރުން ބޭރު ފައިސާ އާ ބެހޭ ގާނޫނަށް 2024 ގައި ގެނައި އިސްލާހާއެކު ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ރާއްޖޭގެ ބޭންކުތަކުން މާރުކުރުން ވަނީ މަޖުބޫރު ކޮށްފަ އެވެ. ނަމަވެސް ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވި ގޮތުގައި އެމްއެމްއޭގެ ވިސްނުމަކީ އެ އަދަދު 40 ޕަސެންޓަށް އިތުރު ކުރުމަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅުމެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާރުކުރަން ޖެހޭ އަދަދު ބޮޑު ކުރުމުގެ ސިޔާސަތަކީ އޭގެ ސަބަބުން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ފަދަ ރިސްކެއް ކަމަށެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ބޭރުގެ އިންވެސްޓަރުން ދަރަނި ރާއްޖެ އަށް ކޮށްފައިވާ އިންވެސްޓަމަންޓުތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ ފަރާތްތަކަކީ ޑޮލަރުން އަދާ ކުރަން ޖެހޭ ދަރަނީގެ ޒިންމާތަކެއް އުފުލާ ބައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އަށް ގިނަ ބަޔަކު އިންވެސްޓު ކުރަން ޝައުގުވެރިވަނީ ވެސް ވާދަވެރި ލުއިތަކަކާއި އިތުރު އިންސެންޓިވްތަކެއް ލިބޭތީ ކަމަށާއި އެފަދަ ލުއިތައް ނުލިބޭނަމަ ދުރު ރާސްތާގައި ޓޫރިޒަމް ދާއިރާގެ ހަމަޖެހުމަށް ނުރައްކާ ވެދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅީގެން ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.