ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރު ކުރަނީ އިސްރާފުތަކަށް ހަރަދު ކުރުމަށް ކަމަށް އޭނާ ވިދާޅުވި

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަރައިގެން ގޮސް އެ މައްސަލަ ބޮޑުވީ ސަރުކާރުގެ އިސްރާފާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެރިކަން ފެށުނު އިރު ޑޮލަރެއްގެ އަގު 17.50ރ. އަށް ހުރި ކަމަށާއި މިއަދު 23ރ. އަށް ފަހަނައަޅައި ދިޔައީ ތަންފީޒު ކުރަން ފެށި ސިޔާސަތުތައް މަދުވެގެން ނޫން ކަމަށެވެ.
މި ސަރުކާރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑު ކުރުމުގެ އިތުރުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރަން މަޖުބޫރު ކޮށްފައިވާ ކަމަށާއި އީ-ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ފީއެއް ވެސް ނަގަމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގެ ތާރީހުގައި ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް މި ސަރުކާރަށް ލިބެމުން އަންނަ އިރު އެ ފިޔަވަޅުތަކަކީ ހަރަދު ކުޑަ ކުރުމާ އެކު އެކީ އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން، ހަރަދު ކުޑަނުކުރާތީ. ރަސްމާލެ ހިއްކުމާއި، އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި، ބިލިއަނުން ހަރަދުކުރަން ޖެހިފައިވާ މުސާރައިގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން." ފައްޔާޒް ވިދާޅުވި އެވެ.
"އެކަމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ." އޭނާ ވިދާޅުވީ އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ދިވެހި އިގުތިސޯދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންނާ ސަރުކާރުން ދިމާ ކުރަން އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަންޑުކުރުމުގެ ބޭނުމުގަ އެވެ.
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރުމަކީ ފައްޔާޒް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސްރާފުތަކަށް ހަރަދު ކުރުމަށް މާރުކުރަން މަޖުބޫރު ކުރުވުމެކެވެ. އޭގެ ސަބަބުން އެ ވިޔަފާރިތައް ފުނޑި ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސް ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރިސޯޓުތަކުން 40 ޕަސެންޓު ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ނިންމި ނިންމުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
ނަމަވެސް އެއީ ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރަން މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.