މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ޓޫރިސްޓުން އައިނަމަވެސް މިއީ މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދާ އަޅާބަލާއިރު 3.9 ޕަސެންޓުގެ ދަށްވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.4 މިލިއަން މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 1.3 މިލިއަން އަކީ ޓޫރިސްޓުންގެ ގޮތުގައި އައިސްފައިވާ މީހުންނެވެ. ނަމަވެސް މިއީ މިދިޔަ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި އަދަދާ ބަލާއިރު % 3.8 ެ ދަށްވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ފެށިގެން އައީ ރަނގަޅު ކުރިއެރުންތަކަކާއެކުގައެވެ. އެގޮތުން ޖެނުއަރީ މަހު %5.0 ގެކުރިއެރުމެއް ލިބިފައިވާއިރު ފެބްރުއަރީ މަހު ވަނީ %17.7 ގެ ބޮޑު ކުރިއެރުމެއް ހޯދައި 254,556 މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރި މަހެވެ. ނަމަވެސް، މާޗު މަހުން ފެށިގެން މި އަދަދުތައް ވަނީ ދަށްވާން ފަށާފައެވެ. މާޗު މަހު %19.8 ދަށްވެފައިވާއިރު، އޭޕްރީލް މަހު ވަނީ %24.4 ގެ ބޮޑު ދަށްވުމެއް އައިސްފައެވެ. މެއި މަހު %1.7 ގެ ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، ޖޫން މަހު އަނެއްކާވެސް % 12.0 އަދި ޖުލައި މަހު %1.9 ދަށްވެފައެވެ.
މަސްތަކަކަށްފަހު މި ހިނގާ އޮގަސްޓު މަހުގެ ފުރަތަމަ 23 ދުވަހުގެ ތެރޭގައި 156,478 މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ މި މުއްދަތުގައި ޒިޔާރަތްކުރި 152,725 މީހުންނާ އަޅާބަލާއިރު %2.5ގެ ކުރިއެރުމެކެވެ.
މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ ދުވަހުގެ އެވްރެޖަކީ 6,005 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 6,243 އާ އަޅާބަލާއިރު ދަށް އަދަދެކެވެ. މީގެ އިތުރުން ކްރޫޒް ލައިނާތަކުގައި އައި މީހުންގެ އަދަދުވެސް މިއަހަރުގެ މިހާތަނަށް ވަނީ 15,577 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 8,263 މީހުންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 2.2 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުވެސް މި އަދަދަށް އަންނާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.