ކަޅުބާޒާރަށް ޑޮލަރު ނުކުންނަ މައި ދޮރުތައް މަދުކުރަން ސަރުކާރުން އަޅަން ނިންމާފައިވާ އެއް ފިޔަވަޅަކީ ޓޫރިޒަމް ސިނާއަތަށް ވަންނަ ޑޮލަރު މާރުކުރާ މިންވަރު 20 އިން 40 ޕަސެންޓަށް މައްޗަށް ޖެއްސުމެވެ.

ޓޫރިޒަމް ޑޮލަރުގެ އާމްދަނީގެ %40 ބޭންކިން ނިޒާމަށް މާރުކުރަން އުޅޭތީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނުރުހުން ފާޅުކޮށްފި އެވެ.
ކަޅުބާޒާރަށް ޑޮލަރު ނުކުންނަ މައި ދޮރުތައް މަދުކުރަން ސަރުކާރުން އަޅަން ނިންމާފައިވާ އެއް ފިޔަވަޅަކީ ޓޫރިޒަމް ސިނާއަތަށް ވަންނަ ޑޮލަރު މާރުކުރާ މިންވަރު 20 އިން 40 ޕަސެންޓަށް މައްޗަށް ޖެއްސުމެވެ. ނަމަވެސް މި ފިޔަވަޅާ ބެހޭ ގޮތުން މަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ ކުރީކޮޅު އެމްއެމްއޭއާއެކު ބޭއްވި ބައްދަލުވުމެއްގައި ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމަށް އެމްއެމްއޭ އިން ހުށަހެޅުމުން، އެ އަދަދު %10 ވުރެ ބޮޑު ނުކުރުމަށް މަޓީން އޭރު އޮތީ އެދިފައެވެ.
އެހެންކަމުން މަދު ހަފުތާތަކެއްގެ ތެރޭގައި ކުއްލިއަކަށް އެ އަދަދު 40 އިންސައްތައަށް ބޮޑުކުރުމަކީ ރިސޯޓުތަކަށް އުފުލޭނެ ބުރައެއް ނޫންކަމަށް އެ ބަޔާނުގައި ވެއެވެ.
މަޓީން ބުނިގޮތުގައި %40 މާރުކުރުން ވާނީ ވަރަށް ދަތި ކަމަކަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރިސޯޓުތަކުގެ އޮޕަރޭޝަނަށް ބޭނުންވާ ތެލާއި މުވައްޒަފުންގެ މުސާރައާއި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ ޓެކުހުގެ އިތުރުން ބޭރު ފައިސާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ވެސް ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވުމެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ވަނީ، ޑޮލަރުގެ އަގު ނުރަނގަޅު ގޮތުގައި އުފުލުމުގައި ބައެއް ރިސޯޓުތަކުގެ އަތެއް ވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ އެއްވެސް ޣައިރު ގާނޫނީ އަމަލެއް ހިންގާކަން އެ ޖަމިއްޔާ އަށް އެނގިފައި ނުވާކަމަށެވެ. އަދި ހުރިހާ މެމްބަރުންވެސް ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް އެ ޖަމިއްޔާ އިން އަބަދު ވެސް އިލްތިމާސްކުރާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ތުހުމަތުތަކާ ގުޅިގެން، ރިސޯޓުތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރަން ސަރުކާރުން ނިންމި ނިންމުމަށް އިޝާރާތްކޮށް މަޓީން ބުނީ، ތަހުގީގުކުރަމުންދާ ވަކި ބަޔަކަށް ކުރެވޭ ތުހުމަތެއްގެ ސަބަބުން މުޅި ސިނާއަތަށް އޭގެ އަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑޮލަރުގެ މައްސަލައިގެ ހުރިހާ ޒިންމާއެއް ހަމައެކަނި ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓު ތަމްސީލުކުރާ މަޓީން ވަނީ، ޓޫރިޒަމް ސިނާއަތަކީ ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވައްދާ ސިނާއަތްކަން ފާހަގަކޮށްފައެވެ. ނަމަވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުން 5.3 ބިލިއަން ޑޮލަރު ޓޫރިޒަމް ލިބޭއިރު ސަރުކާރަށް ދައްކާ ޓެކުހާއި ފައިސާ މާރު ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން މިހާތަނަށް މާރުކުރަނީ އެންމެ 2 ބިލިއަން ރުފިޔާ އެވެ.