ބޭރު ފައިސާގެ މާރުކޭޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރާއްޖެ އަށް އެންމެ އެކަށީގެންވާ ނިޒާމަކީ "މެނޭޖްޑް-ފްލޯޓް" ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ޑޮލަރުގެ އަގު ކަނޑައެޅުމުގައި މާރުކޭޓުގެ ހާލަތަށް ބޮޑު ދައުރެއް އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، އިގްތިސާދުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމަށް ދުރުރާސްތާގެ ތަސައްވުރެއް އެކުލަވާލައިފި އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި، މަރުކަޒީ ބޭންކުގެ އަމާޒަކީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ކަނޑައެޅުމެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް ދިހަވަރަކަށް އަހަރު ވަންދެން މައިގަނޑު ގޮތެއްގައި ޑޮލަރަށް ބަރޯސާވެފައި އޮތުމުން، މި ބަދަލު ގެންނަންވާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ އަގުތައް މުޅިން ރުފިޔާއަށް ބަދަލުކުރުމުގެ ކުރިން ސިޔާސަތުތަކަށާއި ހިންގުމުގެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހެއެވެ. މީގެ ތެރޭގައި މިހާރު ދައުލަތަށް ޑޮލަރުން ދައްކަމުންދާ ޓެކްސްތަކާއި ފީތައް މުރާޖައާކޮށް، އެ ފައިސާވެސް ރުފިޔާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، ބައެއް ވަޒީފާތަކުގެ މުސާރަ ބޭރު ފައިސާއިން ދެވޭ ގޮތަށް މިހާރު އޮތް އުސޫލުތައްވެސް މި ބަދަލާ އެކު މުރާޖައާ ކުރަންޖެހިދާނެއެވެ.
ރާއްޖޭގެ އިގްތިސާދީ މުއާމަލާތްތަކުގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ހިއްސާކުރަނީ ބޭރު ފައިސާއިންކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ޑޮލަރަށް އޮތް ބަރޯސާ ބޮޑުކަން ގަވަރުނަރު ހާމަކުރެއްވި އެވެ.
"ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ނުކުރެވޭ ނަމަ، މަނިޓަރީ ޕޮލިސީ (ފައިސާއާ ބެހޭ ސިޔާސަތު) އެންމެ އެދެވޭ ގޮތެއްގައި ތަންފީޒެއް ނުކުރެވޭނެ. މި ހުރިހާ ބަދަލެއް އެއްފަހަރާ ނުގެނެވޭނޭތީ، އެމް.އެމް.އޭގެ ތަސައްވުރަކީ 2030 އާ ހަމައަށް މި ބަދަލުތައް ގެނައުން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދިވެހި ރުފިޔާ ވަރުގަދަކުރުމަށްޓަކައި ދައުލަތުގެ މާލީ ހާލަތާއި ބަޖެޓުގެ ހަމަޖެހުން ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ގަވަރުނަރު ބަޔާންކުރެއްވި އެވެ.
ބޭރު ފައިސާގެ މާރުކޭޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރާއްޖެ އަށް އެންމެ އެކަށީގެންވާ ނިޒާމަކީ "މެނޭޖްޑް-ފްލޯޓް" ނިޒާމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން ޑޮލަރުގެ އަގު ކަނޑައެޅުމުގައި މާރުކޭޓުގެ ހާލަތަށް ބޮޑު ދައުރެއް ދެވޭނެއެވެ. ނަމަވެސް، އަގަށް އަންނަ އާދަޔާ ހިލާފު ބަދަލުތައް ކޮންޓްރޯލް ކުރުމަށް މަރުކަޒީ ބޭންކުން މުއާމަލާތްތަކުގެ ތެރެއަށް ވަންނާނެއެވެ.
އެހެންނަމަވެސް، މިފަދަ ނިޒާމަކަށް ބަދަލުވުމުގެ ކުރިން އެމް.އެމް.އޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" މެނޭޖްޑް ފްލޯޓް ނިޒާމެއްގައި ވެސް، އެމް.އެމް.އޭގައި އެކަށީގެންވާ ރިޒާވެއް ހުންނަންވާނެ. ސިންގަޕޫރު ނުވަތަ އެހެން ކުރިއަރާފައިވާ ގައުމުތަކަށް ބެލިޔަސް، މަރުކަޒީ ބޭންކަކަށް ފައިސާގެ އަގު ހިފެހެއްޓޭނީ އެކަށީގެންވާ ރިޒާވެއް ހުރެގެން،" ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރުގެ ރިޒާވްގެ ހާލަތު ހުރި ގޮތުން، މެނޭޖްޑް-ފްލޯޓް ނިޒާމެއްގެ ދަށުން ފައިސާގެ އަގު ހިފެހެއްޓުމުގެ ގާބިލުކަން އަދި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް (އިމްޕޯޓް) މަދުވެގެން ތިން މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތަކަށް ބޭނުންވާ ވަރަށް ރިޒާވްގައި ފައިސާ ހުންނަން ޖެހެއެވެ. އަދި ރިޒާވް އެ މިންވަރަށް މަތިކުރުމަށް ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. އެހެންކަމުން، އެމް.އެމް.އޭގެ 2030ގެ ތަސައްވުރަކީ ދިވެހި ރުފިޔާއަށް އޮތް ޑިމާންޑް އިތުރުކޮށް، މަނިޓަރީ ޕޮލިސީގެ ނަތީޖާ ރަނގަޅުކޮށް، ޒަމާނުއްސުރެ ޑޮލަރަށް އޮތް ބަރޯސާ ކުޑަކުރުމަށްޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެން ގެނެވޭ ބަދަލެކެވެ.