ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަނީ

ބޭރު ފައިސާއާބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން މާރު ކުރަން ޖެހެނީ 20 ޕަސެންޓު

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު

ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އޮކްޓޯބަރު 1، 2024 ގައި ތަންފީޒު ކުރަން ފެށި ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީގެ 20 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން ޖެހެ އެވެ.

ނަމަވެސް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ އެ އަދަދު 40 ޕަސެންޓަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިހާރު މަޖިލީހަށް އިތުރު އިސްލާހެއް ގެންނަން މި އުޅެނީ. ކުރިން އޮތް 20 ޕަސެންޓުގެ ބަދަލުގައި 40 ޕަސެންޓަށް ބަދަލު ކުރަން،" މުނައްވަރު ވިދާޅުވި އެވެ.

އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިޒަމް އިން ލިބޭ އާމްދަނީ ތިން މަސް ތެރޭގައި މާރު ކުރަން ޖެހެ އެވެ. ނަމަވެސް އެއް މަސް ތެރޭގައި މާރު ކުރަން ޖެހޭ ގޮތް ހަދަން އެ މާއްދާ ވެސް އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި އަލީ ހާޝިމް ހުންނެވި އިރު ވިސްނުން ހުރީ 60 ޕަސެންޓުގައި މާރު ކުރަން ޖެހޭ ގޮތް ހެދުމެވެ. އެކަމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ވެސް އެމްއެމްއޭގައި ނިންމާފައިވާ ކަމަށާއި ނަމަވެސް ތަންފީޒު ނުކުރާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.