މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކޮށްގެން މިއަދު ނަން ހާމަކޮށްފައިވަނީ، ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ނިންމައި، އެފަދަ ދެ ރިސޯޓެއްގެ ނަން މިއަދު އާންމުކޮށްފި އެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކޮށްގެން މިއަދު ނަން ހާމަކޮށްފައިވަނީ، ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓެވެ.
ލ. އަތޮޅުގައި 2019 ވަނަ އަހަރު ރަހާ ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ހިއްސާ އޮންނަ ހެވީ ލޯޑް މޯލްޑިވްސް އިން ހިންގަމުން އަންނަ ތަނެކެވެ. އައްޑޫގައި އޮންނަ ސައުތު ޕާމް ރިސޯޓުގެ ހިއްސާދާރުންނަކީ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އަދި މޫސާ ދީދީ އެވެ.
އެމްއެމްއޭ އިން ވަނީ ގަވާއިދާ އެއްގޮތަށް ފައިސާ މާރުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށް، މިހާތަނަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް އެބައޮތްކަން ހަނދާންކޮށްދީފަ އެވެ.
އަދި ޓޫރިޒަމް ދާއިރާގެ ގިނަ ރިސޯޓުތަކުން މި ގަވާއިދަށް ފުރިހަމައަށް ބޯލަނބަމުންދާކަން އެމްއެމްއޭއިން ފާހަގަކުރެ އެވެ.
މިގޮތުން، ޖުމްލަ ރިސޯޓުތަކުގެ %78 ތަނުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
ކެޓަގަރީ ބީގައި ހިމެނޭ ގެސްޓްހައުސް، ހޮޓާ، ސަފާރީ، ހޯމްސްޓޭ ތަކުގެ ތެރެއިން %48 ތަނުން ގަވާއިދާ އެއްގޮތަށް އަމަލުކުރާއިރު، %15 ތަނުން އެކަށީގެންވާ ވަރަށް މާރުނުކުރެ އެވެ. އަދި %37 ތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެ އެވެ.
ކެޓަގަރީ ސީގައި ހިމެނޭ އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން %38 ފަރާތުން ރަނގަޅަށް ޑޮލަރު މާރުކުރާއިރު، %33 ފަރާތުން އެކަށީގެންވާ ވަރަށް މާރުނުކުރާކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.