ކުޑަކުދިންގެ ބަރަހަނާ ވީޑިއޯ ވިއްކާކަމުގެ ތުހުމަތު އޮތް އަދުލާންގެ ދައުވާތައް ނެގީ ހެކި ނެތިގެން: ޕީޖީ އޮފީސް

"މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވާނީ ދައުވާކުރުމުގެ މުއްދަތު ހަމަވާތީ އެވަގުތު ދައުވާކުރުމުގެ ފިޔަވަޅު ނާޅައިފިނަމަ، ފަހުން ދައުވާއެއް ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން އެއްކޮށް ބަންދުވާނެތީ،" ޕީޖީ އޮފީހުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ ވިއްކާކަމުގެ ތުހުމަތު އޮތް އަދުލާން --

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ، ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދްލާން ލަތީފް 22، ގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

އަދުލާންގެ މައްޗަށް ކުރަނީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، މި ވޮލެޓުން އަދުލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާ ކަމެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ  މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މޭމަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް ދައުވާ ކުރެވޭވަރަށް ހެކި ގަރީނާ ނެތުމުން، ދައުވާ ނުކުރަން ނިންމައި އަލުން މައްސަލަ ފުލުހުންނަށް ފޮނުވާފައިވާ ކަމަށާއި އޭގެ ފަހުން ފުލުހުންގެ ފަރާތުން އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ހުށަހެޅި ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މައްސަލަ މުރާޖައާ ކުރާ މުއްދަތު ހަމަވާނީ މޭމަހުގެ 19 ވަނަ ދުވަހު އަދުލާންގެ މައްޗަށް ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކަމަށެވެ. އެއީ؛

  •  އެނގިހުރެ ކޮމްޕިއުޓާ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ ދައުވާ
  •  އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ

"މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވާނީ ދައުވާކުރުމުގެ މުއްދަތު ހަމަވާތީ އެވަގުތު ދައުވާކުރުމުގެ ފިޔަވަޅު ނާޅައިފިނަމަ، ފަހުން ދައުވާއެއް ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން އެއްކޮށް ބަންދުވާނެތީ،" ޕީޖީ އޮފީހުން ބުންޏެވެ.

ނަމަވެސް ބައެއް ސަބަބުތަކަށްޓަކައި މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމައި، ދައުވާތައް އަނބުރާ ގެނެސްފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތުން، އަދުލާންގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތަކީ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުން ކަމަށްވީ ނަމަވެސް، އެފަދަ އެއްޗެއް އޭނާ ވިއްކައި ވިޔަފާރިކުރިކަން، ނުވަތަ އެހެން މީހަކަށް ފޮނުވިކަން ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް ހޯދިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަނެއް ސަބަބެއް ކަމަށް ފާހަގަކުރީ، އެ މައްސަލާގައި ގިނަ ޑިޖިޓަލް ޑިވައިސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވީނަމަވެސް، އޭގެ ތެރެއިން ގިނަ ޑިވައިސްތަކަށް އަދުލާން ޒިންމާ ކުރުވޭ މިންވަރަށް ހެކި ލިބިފައިނުވުމެވެ.

އަދި އޭނާއާ ގުޅުވައިލެވޭ ޑިވައިސްތަކުން އޮރިޔާންކާޑު ފެނިފައިވީ ނަމަވެސް، އެއީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހޯދިފައި ނުވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގައި ލިބިފައި ހުރި ހެކިތަކަށް ބަލާއިރު އަދުލާންގެ މައްޗަށް ކުރެވެން އޮތް ހަމައެކަނި ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކަމަށާއި، ގާނޫނުގައި އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން، އަދި ކުށަށް ކަނޑައެޅޭނެ އެންމެ ކުޑަ އަދަބަކީ ނުވަ ދުވަހަށް ޖަލަށްލުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނީ އޭނާ ބަންދުގައި 28 ދުވަސް ހޭދަކޮށްފައިވާތީ، ދައުވާ ސާބިތުވިޔަސް ކަނޑައެޅެން އޮތް އަދަބުން ބަންދު މުއްދަތު ކެނޑުމުން ދެން އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނޯންނާނެ ކަމަށެވެ. އެހެންވެ، އެ ދައުވާވެސް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.