މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައި ބިލު ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓޫ ދެއްވާފަ އެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް ޕްލެޓްފޯމް (އޯޓީއޭ) ތަކުން ޓީޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރު ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދެވެ.
މި ބިލުގެ މަގުސަދެއްގެ ގޮތުގައި ވަނީ، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރަން ގެންނަ ބަދަލުތަކެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައި ބިލު ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓޫ ދެއްވާފަ އެވެ.
މި ޖީއެސްޓީ ނަގަން ފަށަން ބިލުގައި ހިމަނާފައިވަނީ އަންނަ އޮކްޓޯބަރުން ފެށިގެންނެވެ. މި ބަދަލާ އެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެެގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އޯވަސީސް ޓްރެވަލް އޭޖެންޓުންގެ ފަރާތުން 299.3 މިލިއަން ރުފިޔާ، ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ ފަރާތުން 1.3 ބިލިއަން ރުފިޔާއާއެކު މުޅި ޖުމްލަ 1.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.