ޑިސެމްބަރުގައި ބޯހިޔާވަހިކަން ލިބޭ މީހުންގެ ލިސްޓު އާންމުކުރަނީ

ރައްޔިތުން އެކަމުގައި އެއްބާރުލުން ދޭނަމަ، ޑިސެމްބަރު މަހު ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކުރެވޭނެ ކަމަށާއި، އެ ލިސްޓު ފެންނާނީ ޕޯޓަލް އިން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް ފޯމު ހުށަހަޅަން އެހީވެދެނީ -- ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހު އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ފޯމުތަކުގައި ހިމަނާފައިވާ މައުލޫމާތު ވެރިފައި ކުރުމުގެ މަރުހަލާ ކަމަށާއި، އެކަން ކުރަނީ އެކަމަށް ހާއްސަކޮށްފަވާ ޑޭޓާބޭސް އަދި އޮންލައިން ޕޯޓަލް ކަމަށްވާ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.

އެޕްލިކޭޝަން ފޯމުގައި ހުރި މައުލޫމާތާއި، އިދާރާތަކުން ހޯދާ މައުލޫމާތާ ފުށުއަރާނަމަ، އެކަން ރަނގަޅު ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީން ނިންމާފައިވާއިރު، ނާޒިމް ވިދާޅުވީ އެކަން ވީހާވެސް އަވަހަކަށް ފުރިހަމަ ކުރުމަށެވެ. 

ނާޒިމް ވިދާޅުވީ ފްލެޓާއި ގޯއްޗަށް ހުށަހެޅުމަށް ދިން މުއްދަތުގައި ވެސް ގިނަ ބަޔަކު އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުކޮށްގެން ތިބި ކަމަށާއި އޭގެ ބަދަލުގައި ދުރާލައި އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ މަރުހަލާގައި މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ބޭނުންކޮށްގެން ހުށަހަޅާ ޖަވާބުތައް ބަލައެއް ނުގަންނާނެ އެވެ. މައުލޫމާތު ރަނގަޅު ކުރުމަށްފަހު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށެވެ. 

ރައްޔިތުން އެކަމުގައި އެއްބާރުލުން ދޭނަމަ، ޑިސެމްބަރު މަހު ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކުރެވޭނެ ކަމަށާއި، އެ ލިސްޓު ފެންނާނީ ޕޯޓަލް އިން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވެފައި ވަނީ ބޯހިޔާވަހިކަން ލިބޭ މީހުން ކަނޑައެޅުމުގެ އެންމެހާ މަސައްކަތްތައް މިފަހަރު ކުރިއަށް ގެންދަނީ އެއްވެސް ނުފޫޒު ނުފޯރުވޭ ގޮތަށް، އޮޓަމޭޓެޑް ސިސްޓަމްއެއްގެ ތެރެއިން ކަމަށެވެ. ވެރިފިކޭޝަންގެ ހުރިހާ މަސައްކަތެއް ކުރިއަށް ދާނީ އެ ސިސްޓަމްގެ ތެރެއިންނެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތުގައި 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.