ކަނޑުގެ އަޑީގައި ފެނުގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ފެން އުފެއްދުމުގެ ޖުމްލަ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވިދާޅުވި.

ރާއްޖޭގެ ފެނުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އަތޮޅުތަކަށް އެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓެއް ބަހައްޓައިގެން ފެން އުފެއްދުމުގެ އީޖާދީ ބޮޑު މަޝްރޫޢެއް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް އެމްޑަބްލިޔުއެސްސީން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މި ތާރީހީ މަޝްރޫއު ކުރިއަށް ގެންދަނީ އެ ދާއިރާގެ ބޮޑެތި ތަޖުރިބާތަކެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެން ކަމަށެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާއިރު، ފީސިބިލިޓީ ދިރާސާތަކާއި ފަންނީ އަދި ތިމާވެށްޓާ ގުޅޭ އެސެސްމެންޓްތައް ހެދުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، މި ވަގުތު ކުރިއަށްދަނީ މާލީ ގޮތުން މިކަމަށް ހިނގާނެ ހަރަދު ދެނެގަތުމުގެ ފައިނޭންޝަލް ފީސިބިލިޓީ ހެދުމުގެ މަސައްކަތެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ކަނޑުގެ 500 މީޓަރު އަޑީގައި މިފަދަ ޕްލާންޓެއް ބެހެއްޓުމުން ހަކަތަ ހަރަދުވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ.
އަދި ރިޖެކްޓް ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމުގެ އިތުރުން، އެހާ އަޑިން ލިބޭ ލޮނަކީ ވަރަށް ބޮޑަށް ސާފު ލޮނަކަށް ވުމަކީ ވެސް މި ނިޒާމުގެ ވަރަށް ބޮޑު ފައިދާއެކެވެ.
ހަމައެއާއެކު، ކަނޑުގެ އަޑީގައި ފެނުގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ފެން އުފެއްދުމުގެ ޖުމްލަ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ދިމާވާ ބިމުގެ ދަތިކަމަށް ވެސް މި މަޝްރޫއުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ތިލަމާލެ ބްރިޖާއެކު މާލެ އާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ވެސް ފަހުމީ ހާމަކުރެއްވި އެވެ. އަދި ބްރިޖުގެ މަސައްކަތް ނިމެންވާއިރަށް އެ ނެޓްވޯކުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސަރުކާރާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.