"އެ ނޯޓިސްގެ މައުލޫމާތު ސައްހަ ނޫން ކަމުގައިވާނަމަ، އެކަމުގެ ތަފްސީލާއި ކަމާ ގުޅުންހުރި ލިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެ،" މިނިސްޓްރީން ކުރި އިއުލާނުގައި ބުންޏެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ ފޯމުގައި ހިމެނޭ މައުލޫމާތު ސައްހަ ނޫންނަމަ، ފޯމު އަލުން ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ، މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި މަރުހަލާގައި، އެޕްލިކޭޝަން ފޯމުގައި ހުރި މައުލޫމާތާއި، އިދާރާތަކުން ހޯދާ މައުލޫމާތާ ފުށުއަރާނަމަ، އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ފަރާތަށް އެނގޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އެ ނޯޓިސްގެ މައުލޫމާތު ސައްހަ ނޫން ކަމުގައިވާނަމަ، އެކަމުގެ ތަފްސީލާއި ކަމާ ގުޅުންހުރި ލިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެ،" މިނިސްޓްރީން ކުރި އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ މި ބަދަލުގެ މައުލޫމާތު އެޕްލިކެންޓުންގެ ފޯމުގައި ހިއްސާކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސްއަކުން ފޮނުވާނެ ކަމަށާއި، ދީފައިވާ މުއްދަތުގައި ޖަވާބެއް ހުށަނާޅާނަމަ، އެމީހެއްގެ ޝަރުތު ހަމަނުވާ ކަމަށް ނުވަތަ ލިޔުންތައް ފުރިހަމަ ނުވާކަމަށް ބެލެވޭނެ ކަމަށެވެ.
އަދި މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ބޭނުންކޮށްގެން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ވެސް ބުންޏެވެ.