މަނީ އެކްސްޗޭންޖިން ގަވައިދާ ހިލާފު ވެގެން ހުއްދަ ބާތިލްކޮށްފި

މި ކުންފުންޏަށް "ޓިއާ 1" ކެޓަގަރީގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދިނީ މި އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.

މާލޭގެ މަނީ އެކްސްޗޭންޖު ކުރާ ތަނެއް

މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ލައިސަންސް އެމްއެމްއޭ އިން ވަނީ ބާތިލްކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ މި ފިޔަވަޅު އަޅާފައިވަނީ، މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސްޕަވައިޒްކުރުމުގެ ތެރެއިން އެކްސްޕްރެސް މަނީ އެކްސްޗޭންޖުން ގަވާއިދާ ޚިލާފުވެފައިވާކަން ފާހަގަވުމާ ގުޅިގެންނެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ. އަދި މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް މި އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ

އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްއެމްއޭއިން ބަންދުކުރި އެކްސްޕްރެސް މަނީ އެކްސްޗޭންޖަކީ 2024 ގައި ހުއްދަ ދީފައިވާ ތަނެކެވެ. މި ކުންފުންޏަކީ އަހްމަދު ސިނާޒް އަދި އަމްޖަދު އިސްމާއިލް ކިޔާ މީހަކު ހިއްސާވެގެން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަށް "ޓިއާ 1" ކެޓަގަރީގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދިނީ މި އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. 

ކަޅުބާޒާރުގައި ޑޮލަރު މާރު ކުރުން ހުއްޓުވަން އެމްއެމްއޭއިން ވަނީ ގާނޫނު ތަންފީޒު ކުރެވޭ ގޮތަށް ފިޔަވަޅު އަޅަން ފަށާފަ އެވެ. އަދި ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އިޝްތިހާރުކުރުން މަނާކުރުން -
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކުމަށް، ޑިޖިޓަލް ޕްލެޓްފޯމެއްގައި ނުވަތަ އެހެން ގޮތަކުން ނަމަވެސް އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދިނުމަކީ ގާނޫނީ ކުށެކެވެ.

ބޮޑެތި ޖޫރިމަނާތައް - މިފަދަ ކުށެއްކުރާ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް 100،000 ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ފިޔަވަޅު އަޅާ ސަބަބު - މި ގާނޫނު ހަރުކަށި ކުރަން ހުށަހަޅާފައިމިވަނީ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލި، ބައެއް ކުންފުނިތަކުގެ ލައިސަންސްވެސް ބާތިލްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.