ދެކުނު އިރުމަތީ އޭޝިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ރާއްޖެއަކީ އަހަރުގެ ހުރިހާ މޫސުމެއްގައިވެސް ޒިޔާރަތްކުރެވޭނެ ތަފާތު ތަޖުރިބާތަކެއް ލިބޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިސްތިހާރު ކުރަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިވެންޓެއްގައި ބައިވެރިވެއްޖެ އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މެލޭޝިއާގެ ބޯނިއޯ ކޮންވެންޝަން ސެންޓަރު ކުޗިންގް (ބީސީސީކޭ) ގައި މިމަހު ކުރިއަށް ދިޔަ "ޕާޓާ ޓްރެވަލް މާޓް (ޕީޓީއެމް) 2026" ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ދެކުނު އިރުމަތީ އޭޝިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ރާއްޖެއަކީ އަހަރުގެ ހުރިހާ މޫސުމެއްގައިވެސް ޒިޔާރަތްކުރެވޭނެ ތަފާތު ތަޖުރިބާތަކެއް ލިބޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މިއީ އޭޝިއާ ޕެސިފިކް ސަރަހައްދާއި މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި މައުރަޒުގައި ރާއްޖެ ތަމްސީލުކުރަނީ 36 އަކަމީޓަރުގެ ސްޓޭންޑެއްގަ އެވެ. ވިޒިޓް މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތައް ކަމަށްވާ ސުވާން ބައި ހޯކްސް އަދި އައިކޮމް ބްލޫ ސީވިއު އަދި އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ މި އިވެންޓުގައި ބައިވެރިވެފަ އެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ޕީޓީ.އެމް 2026 އަކީ 60 އަށްވުރެ ގިނަ ގައުމަކުން 1،000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ވިޔަފާރިތަކުގެ މެދުގައި 10،000 އަށްވުރެ ގިނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕާޓާ ފޯރަމާއި އެކިއެކި މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ތިމާވެއްޓާ ރައްޓެހި ދަތުރުތައްވެސް ކުރިއަށްދާނެއެވެ. ރާއްޖޭގެ ސްޓޭންޑުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ލަގްޒަރީ ޚިދުމަތްތަކާއި، ދިވެހި ސަގާފަތާއި ކަނޑުއަޑީގެ މުއްސަނދިކަން ދައްކުވައިދޭ ވީޑިއޯ އަދި ފޮޓޯތައް ދައްކާލަމުންދެ އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާއަކީ ރާއްޖެއަށް ނުހަނު މުހިންމު ސަރަހައްދެއް ކަމަށާއި ޕާޓާ ޓްރެވަލް މާޓަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ އިސް ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި ރާއްޖެއަކީ ލަގްޝަރީ ޓްރެވެލް ޑެސްޓިނޭޝަނެއްގެ އިތުރުން ހުރިހާ ފަންތިއެއްގެ ފަތުރުވެރިންނަށްވެސް ބޭނުންވާނެ ތަފާތު ތަޖުރިބާތައް ލިބޭނެ މަންޒިލެއްކަން ފާހަގަކުރައްވައި، މިއީ މާކެޓަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަގުފަހިކޮށްދޭނެ ހަރަކާތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ދެކުނު އިރުމަތީ އޭޝިއާ އާއި ޚާއްސަކޮށް މެލޭޝިއާއަކީ ރާއްޖެ އަށް މުހިންމު މާކެޓެކެވެ. ފާއިތުވި 2025 ވަނަ އަހަރު މެލޭޝިއާއިން 24،847 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މުޅި ދެކުނު އިރުމަތީ އޭޝިއާއިން 72،128 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި (ޖެނުއަރީން ޖޫންގެ ނިޔަލަށް) މެލޭޝިއާއިން 10،446 ފަތުރުވެރިން އަދި އެ ސަރަހައްދުން ޖުމްލަ 31،776 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.