މި މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅައިގެން، ސްކޭން ކުރާ އިމޭޖްތައް ޝެއާ ކުރެވޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖީއީ ހެލްތުކެއާ އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، 'ވީ ސްކޭން' ގެ މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތައާރަފް ކޮއްފި އެވެ.
ރޭ ބޭއްވި ހަފްލާއެއްގައި މި ޑިވައިސް ތައާރަފް ކޮއްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.
އެސްޓީއޯ އިން ބުނީ ސްކޭންގެ ހިދުމަތް ދެވެމުން އައި ގޮތް، ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ، ޕޭޝަންޓާ ވީހާވެސް ކައިރިން ހިދުމަތް ދިނުމުގައި، އަލަށް ތައަރަފް ކުރެވުނު މޮޑެލްތައް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މި ހިދުމަތް ފުޅާކުރުމަށް އޭގެ ސަބަބުން ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.
މި މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅައިގެން، ސްކޭން ކުރާ އިމޭޖްތައް ޝެއާ ކުރެވޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
ސްކޭން މެޝިންގެ ބްރޭންޑު ތަކުގެ ތެރެއިން ޖީއީ ހެލްތުކެއާއަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ. ރާއްޖޭގެ ސިއްހީ ޙިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ.
އަދި މިބްރޭންޑުގެ މެޝިނަރީސްގެ އަފްޓާ ސޭލްސް ސާވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުންވަނީ އެ ބްރޭންޑްގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފަ އެވެ.