އެޗްޑީީސީގެ ޖުމްލަ އެސެޓްގެ ގޮތުގައި ހުރީ ޖުމްލަ މުދަލުގެ އަގަކީ 45 ބިލިއަން ރުފިޔާ އެވެ.

ހުޅުމާލެ ބަލަހައްޓާ، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 2024 ގައި ދެ ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބި ހިންގުމުގެ ހަރަދު 137 މިލިއަން ރުފިޔާ ކުޑަކޮށްފި އެވެ.
އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި 2024 ގެ އޮޑިޓް ރިޕޯޓް ދައްކާ ގޮތުން އެޗްޑީސީ އަށް 2023 އަދި 2024 ގައިވެސް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގަ އެވެ. މި ވަރަށް ސާފު ފައިދާ ލިބުނުއިރު އެ ކުންފުނިން ވަނީ ހިންގުމުގެ ހަރަދު ކުޑަކޮށްފަ އެވެ. އެގޮތުން 2023 ވަނަ އަހަރު ވަނަ ހިންގުމުގެ ހަރަދުގެ ގޮތުގައި 848 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ގައި ލިބިފައިވަނީ 710 މިލިއަން ރުފިޔާ އެވެ. މިއީ 137 މިލިއަން ރުފިޔާގެ ދަަށްވުމެކެވެ.

އެޗްޑީސީގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.53 ބިލިއަން ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 6.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށްވުމެކެވެ. އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ބިމާއި އިމާރާތް ވިއްކައިގެން ލިބުނު އާމްދަނީ ދަށްވުމެވެ. މިގޮތުން 2023 ވަނަ އަހަރު މި ބައިން 5.89 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 2.81 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. މީގެ އިތުރުން ޑިވެލޮޕްމަންޓް ރައިޓްސް ވިއްކައިގެން ލިބުނު އާމްދަނީ އަށް އަސަރު ކުރުމަކީ ވެސް މީގެ ސަބަބެކެވެ. މިގޮތުން 2023 ވަނަ އަހަރު 57 މިލިއަން ރުފިޔާ ލިބުނުއިރު، 2024 ވަނަ އަހަރު ލިބުނީ 50 މިލިއަން ރުފިޔާ އެވެ. ޖުމްލަ އާމްދަނީ 6.5 ބިލިއަނުން 3.5 ބިލިއަނަށް ވެއްޓެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ކުންފުނިން ބިން ނުވަތަ ފްލެޓް/އިމާރާތް ވިއްކި މިންވަރު 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ވަރަށް ބޮޑަށް މަދުވުމެވެ. ފާހަގަކޮށްލެވޭ ކަމަކީ، ވިއްކައިގެން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ. އެގޮތުން 2023 ވަނަ އަހަރު ކުލީގެ ގޮތުގައި 578 މިލިއަން ރުފިޔާ ލިބުނުއިރު، 2024 ވަނަ އަހަރު ކުލީގެ އާމްދަނީ ވަނީ 670 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އާމްދަނީ ބަލައިގަތުން - އެޗްޑީސީން ބިން ވިއްކުމާއި، ކުއްޔަށް ދިނުމާއި، ޑިވެލޮޕްމަންޓް ރައިޓްސް ވިއްކުން ފަދަ ތަފާތު ގޮތްގޮތަށް އާމްދަނީ ހޯދާއިރު، އެ އާމްދަނީ މާލީ ހިސާބުތަކުގައި ހިމަނާނެ ވަގުތު ކަނޑައެޅުމަކީ އުނދަގޫ އަދި މެނޭޖްމަންޓުގެ ނިންމުންތަކަށް ބަރޯސާވާ ކަމަކަށް ވާތީ، އެކަން މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދީފައިވެ އެވެ.
އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގުކުރުން - ކުންފުނީގެ ބިންތަކާއި އިމާރާތްތަކުގެ ފެއަރ ވެލިއު (25.6 ބިލިއަން ރުފިޔާ) ކަނޑައަޅަނީ މިނިވަން ވެލުއަރއެއް މެދުވެރިކޮށެވެ. މި އަގުތައް ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކަށް (ކުލި ލިބޭނެކަމަށް ލަފާކުރާ މިންވަރު ފަދަ ކަންކަމަށް) ކުޑަ ބަދަލެއް އައި ނަމަވެސް މާލީ ހިސާބުތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީފައިވެ އެވެ.
ލޯނާއި ލިބެންޖެހޭ ފައިސާ ހޯދޭނެކަން ކަށަވަރުކުރުން - ކަސްޓަމަރުންނަށް ދޫކޮށްފައިވާ ލޯނުތަކާއި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިދާނެކަމަށް ބަލައި ހަދާ ޕްރޮވިޝަން (1.3 ބިލިއަން ރުފިޔާ) ހެދުމުގައި މެނޭޖްމަންޓުން ބޭނުންކުރާ އަންދާޒާތަކަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.