އެ ބަޔާނުގައި ބުނީ، ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ނުވަތަ މިޝަނެއް ގާއިމުކުރުމާމެދު ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމަވާފައިނުވާ ކަމަށެވެ.

އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އުޅޭކަމަށް ބުނެ ދެކެވުމުންދާ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އުޅޭކަމަށް ބުނެ، ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ސައްހަނޫން ވާހަކަތަކެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ، ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ނުވަތަ މިޝަނެއް ގާއިމުކުރުމާމެދު ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމަވާފައިނުވާ ކަމަށެވެ.
އަދި މިފަދަ ކަންކަމަކީ ކަމާގުޅުންހުރި އެންމެހައި ފަރާތްތައް ހިމެނޭހެން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން މެނުވީ ނިންމޭނެ ކަންކަން ނޫން ކަމަށްވެސް ސަރުކާރުން ދެކޭކަމަށް އެ ބަޔާނުގައި ވެ އެވެ.
އެހެންކަމުން، ނޫސްތަކާއި މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ހަބަރު ފެތުރުމުގައި ޒިންމާދާރުކަމާއެކު ތެދު މައުލޫމާތު ޝާއިއުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޮކްޓޯބަރު 2024ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ކުރެއްވި ރަސްމީ މަޝްވަރާތަކުގައި، ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ މެދު ވެސް މަޝްވަރާ ކުރެއްވި ކަމަށް އޭރު ރައީސް އޮފީހުން ބުނެފައިވެ އެވެ.