ވަޒީރުންގެ މަޖިލީހުގެ މުހިންމު ނިންމުންތަކެއް

އެންމެ މުހިންމު ނިންމުމަކީ ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނެއް ފުޅާދާއިރާއެއްގައި ފެށުމަށް ނިންމުމެވެ.

ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޤައުމުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ މުހިންމު މައްސަލަތަކަކަށް ޙައްލު ހޯއްދެވުމުގެ ގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ ނިންމެވުންތަކެއް ނިންމަވައިފިއެވެ.

މި ބައްދަލުވުމުގައި ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ފާސްކުރެއްވި މައިގަނޑު ކަންތައްތައް ތިރީގައި މިވަނީއެވެ.

ދުންފަތާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކާއި "ޖެނެރޭޝަނަލް ބޭން"

ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނެއް ފުޅާދާއިރާއެއްގައި ފެށުމަށް ވަނީ ނިންމަވާފައެވެ. މީގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކަކީ:

ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން - މި މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީއާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ކޯޑިނޭޓްކޮށް، ކުރިއަށް ގެންދާނީ ހެލްތު މިނިސްޓްރީންނެވެ.

ޤައުމީ ޓީމުތައް - ރާއްޖޭގެ އެއްވެސް ޤައުމީ ޓީމެއްގައި މީގެ ފަހުން ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ކަނޑައަޅައި، އެކަން ޙާސިލުކުރުމަށް ޚާއްޞަ އަމާޒުތަކެއް ވަނީ ކަނޑައަޅާފައެވެ.

މަދަނީ ޖަމުޢިއްޔާތަކުގެ ބައިވެރިވުން - މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނޭ ފަރާތެއް ކަނޑައެޅުމަށާއި، ޒުވާނުންނާއި ކުޅިވަރުކުޅޭ ފަރާތްތައް މިކަމުގައި ޝާމިލުކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ މުރާޖަޢާކުރުމުގެ މަސައްކަތް ވެސް ސަބް-ކޮމިޓީއަކުން ދަނީ ކުރަމުންނެވެ.

ސިމްކާޑު ދޫކުރުން ހަރުދަނާކުރުމާއި ޖަލުގެ ސެކިއުރިޓީ

މުވާޞަލާތީ ޚިދުމަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ފާސްކުރައްވާފައެވެ.

ބިދޭސީންނަށް ސިމްކާޑު ދޫކުރުން - އަންސްކިލްޑް ބިދޭސީންނަށް ދޫކުރެވޭނީ ކޮންމެ ފަރާތަކަށް ގިނަވެގެން 1 ސިމްކާޑެވެ. ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެނަމަ، އާ ނަންބަރެއް ދޫކުރާނީ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮސެސްއެއްގެ ތެރެއިންނެވެ.

ޖަލަށް ވައްދާ ސިމްކާޑުތައް - ޖަލަށް ވަގަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާމެދު ޤާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށް ވަނީ ނިންމަވާފައެވެ.

އިޖުތިމާޢީ މައްސަލަތަކާއި ޢުމްރާނީ ތަރައްޤީ

ގުރައިދޫ މަރުކަޒު - މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ޚިދުމަތްތަކެއް ލިބޭ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހެދުމަށްޓަކައި އެތަން އަޕްގްރޭޑްކުރުމަށް ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ހޯއްދަވައިގެން ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ.

ވާނުވާ ބަންދު - އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި (ވާނުވާގައި) ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ނިންމެވިއެވެ.

ކޮޕާ ވަޔަރު ވަގަށް ނެގުން - ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި، ކޮޕަރ ވަޔަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލައަށް އަވަސް ޙައްލެއް ހޯއްދެވުމަށްވެސް ވަނީ ފާސްކުރައްވާފައެވެ.

ފަތުރުވެރިކަމާއި ދަތުރުފަތުރު

ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ފެއަރ މުރާޖަޢާކޮށް، އެ ފެއަރ ކުޑަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.