ބިން އަތުލެވޭ ބިލާ އެއްކޮޅު ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ފާސްކުރީ ޕީއެންސީ މެންބަރުންގެ ވޯޓުން

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް -- ފޮޓޯ: މަޖިލިސް

ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލް ފާސް ކުރަން ގޮވާލާ ޕެޓިޝަން ވެސް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅައި ސަރުކާރުން ބަލައިގެންފައިވާ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ރަށްރަށުގެ ބިންތައް އަތުލުމުގެ ބާރު ކެބިނެޓަށް ލިބެ އެވެ.

އެކަމާ ދެކޮޅަށް 2000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް އެ ބިލް ފާސް ކުރަން ގޮވާލާ ޕެޓިޝަނެއްގެ މަސައްކަތް ފެށި އެވެ.

ނަމަވެސް ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގައި ހުންނަން ޖެހޭ ޝަރުތެއް އުނި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން އޭނާ ހުށަހެޅީ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ ޕެޓިޝަނެއްގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިޔަށްގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުމެވެ.

އެ ހުށަހެޅުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 56 މެންބަރުން ވަނީ އެކަމަށް ތާއީދު ކޮށްފަ އެވެ. އަދި އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

އެހެންކަމުން މަޖިލީހުގެ ގަވާއިދުން އެ މާއްދާ މިއަދުން ފެށިގެން އުވުނީ އެވެ.

ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގޭ އިސްލާހު އަދި އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.