ޓޫރިޒަމް މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން އިސްވެ ހުންނަވާ ރަޝިއާއަށް ކުރި މި ދަތުރުފުޅުގައި ގިނަ މަޝްވަރާތަކެއް ކޮށްފައިވެ އެވެ.

އަންނަ އަހަރު ފާހަގަކުރާ ވިޒިޓް މޯލްޑިވްސް އިޔާ ނުވަތަ ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރާ ދިމާކޮށް، ރަޝިއާއިން އިތުރު އެއާލައިންތަކެއް ގެންނަން މަސައްކަތް ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މި މަޝްވަރާތައް ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކާއެކުކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން ހަރުދަނާކުރުމަށް މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގްގައި ކުރިއަށްގެންދާ 5 ދުވަހުގެ ރަސްމީ ދަތުރުގަ އެވެ.
ޓޫރިޒަމް މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން އިސްވެ ހުންނަވާ ރަޝިއާއަށް ކުރި މި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް ވެވުނު މުހިންމު އެއްބަސްވުމެވެ. އެގޮތުން، މިނިސްޓަރު އަމީން ވަނީ ރަޝިއާގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް، ދިމިތުރީ ޒްވެރޭވްއާ މޮސްކޯގައި ބައްދަލުކުރައްވައި ރާއްޖެއަށް އިތުރު އެއާލައިންތައް ދަތުރުކުރުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. މީގެ އިތުރުންވެސް، ރަޝިއާ ސަރުކާރުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ފްލައިޓް ކެޕޭސިޓީ އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވަފުދުގެ ބޭފުޅުން މަޝްވަރާކޮށްފައިވެ އެވެ.
ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބޭއްވޭ ބައްދަލުވުންތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރީގެ ބައިވެރިވުންތައް ހަރުދަނާކުރުމަށްޓަކައި ސިނާޢަތުގެ އެކި ފަރާތްތަކާއެކު ވެސް މި ވަފުދުން ދަނީ މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވަމުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ މާކެޓުގެ މަޢުލޫމާތު އެއްކުރުމާއި ދަތުރުވެރިންގެ މެދުގައި މަޤުބޫލުވަމުން އަންނަ ކަންކަން ދެނެގަތުމުގެ އިތުރުން، ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުސަތުތައް ހޯދުމެވެ. އަދި ރަޝިއާ މާކެޓުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އިސްދައުރެއް އަދާކުރާ ފަރާތްތަކާއި މީޑިއާތަކަށް އަމާޒުކޮށްގެން ސިނާއީ ނެޓްވޯކިންގ ދެ އިވެންޓެއް މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.