އެމްޑީޕީން އެސްއޯއީތަކަށް 18,053 މުވައްޒަފުން ވެއްދިކަން ހާމަވެއްޖެ

ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރު ހުރީ 18,676 މުވައްޒަފުންނެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު ވަނީ 36,729 އަށް އުފުލިފަ އެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހުގައި ޖަވާބު ދެއްވަނީ -- މަޖިލިސް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ސަރުކާރު ކުންފުނިތަކަށް އިތުރަށް 18,053 މީހުން ވައްދާފައިވާކަން ހާމަ ވެއްޖެ އެވެ.

މި ސަރުކާރުން އެސްއޯއީތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ވައްދާފައިވާ ކަމަށް ބުނެ ފާޑު ކިޔަމުން ދަނިކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އެމްޑީޕީން މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 100 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، 2018 ވަނަ އަހަރު 18,676 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ވަނަ އަހަރުގެ ނިޔަލަށް 36,729 އަށް އުފުލިފައިވާ ކަމަށެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީ.ސީ.ބީ) ތަފާސްހިސާބުތައް އާއްމު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ 2019 އާއި 2023 އާ ދެމެދު ސަރުކާރު ކުންފުނިތަކަށް 18,053 މުވައްޒަފުން އިތުރުވެފައިވާ ކަމަށެވެ. މިއީ އެ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 97 އިންސައްތައިގެ އިތުރުވުމެކެވެ.

މިނިސްޓަރ މި ތަފާސްހިސާބުތައް ހާމަކުރެއްވީ ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން އައްޔަނުކުރާ ގޮތާއި، ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް (ރައިޓް-ސައިޒިން) ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޒަރީރު ވިދާޅުވި ގޮތުގައި މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ސިޔާސީ ޚިޔާލަކަށް ބިނާކޮށް ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ މި ސަރުކާރުން ތާއީދުކުރާ ކަމެއް ނޫނެވެ. އަދި ސިޔާސީ ސަބަބަކަށްޓަކައި އެއްވެސް މުވައްޒަފަކު ވަކިކުރުމަށް ފިނޭންސް މިނިސްޓްރީން އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ އިދާރާގެ ހައިސިއްޔަތުން، ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ތަންތަންކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު މިނިސްޓްރީގެ އެބައޮތް ކަމަށް ވިދާޅުވިއެވެ. ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީ.ސީ.ބީ މެދުވެރިކޮށް ތަފާތު އެކި ފަހަރުމަތިން އިރުޝާދު ދީފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ އިރުޝާދުތަކަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދެވޭ އިރުޝާދުތަކެއް ކަމަށާއި، އެއީ ވަކިވަކި މުވައްޒަފުންނާ ގުޅޭގޮތުން ނުވަތަ ކުންފުނިތަކުގެ ކޮންމެ ދުވަހެއްގެ އިދާރީ ހިންގުމަށް ދެވޭ އަމުރުތަކެއް ނޫން ކަމަށެވެ.

މިހާރު ތިބީ 41,667 މުވައްޒަފުން، އިތުރުވީ 4,938 މީހުން

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު 18,676 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ގެ ނިޔަލަށް ވަނީ 36,729 އަށް އިތުރުވެފައެވެ. މިހާރު މި އަދަދު ހުރީ 41,667 ގައެވެ. މިއީ 2023 ވަނަ އަހަރު ނިމުނުއިރު ހުރި އަދަދަށްވުރެ 4,938 މުވައްޒަފުން ނުވަތަ 13 އިންސައްތައިގެ އިތުރުވުމެކެވެ. އެމްޑީޕީ ސަރުކާރުގައި އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން، އެމުއްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ސަރުކާރު ނިމުނުއިރު އެޑްވާންސް ސަބްސިޑީގެ ގޮތުގައި 634 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.


މި ސަރުކާރުން ވަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތައް ރައިޓްސައިޒް ކުރުމަށްޓަކައި މުޙިއްމު ފިޔަވަޅުތަކެއް އަޅަންފަށާފައެވެ. އެގޮތުން، އެސްއެމްއީ އިންމެކްޓް ފަންޑު މެދުވަރިކޮށް ކުންފުނިތަކުގެ ވަޒީފައިން ވަކިވާ މުވައްޒަފުންނަށް ލޯނު ލިބުމުގެ ފުރުސަތު ފަހިކޮށް ކުންފުނިތައް ރައިޓްސައިޒް ކުރުމުގައި ވަށާޖެހޭ ނިޒާމެއްވަނީ ގާއިމުކޮށްފައެވެ.

މި ސަރުކާރުން އަލަށް އުފެއްދި ކުންފުނިތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އަލަށް އުފެއްދި ފަސް ކުންފުންޏެއްގައި މިހާރު ޖުމްލަ 889 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މީގެ ތެރެއިން މުޅިން އަލަށް ވަޒީފާއަށް ނެރުނު މުވައްޒަފުންގެ އަދަދަކީ 156 އެވެ. ބާކީ ތިބި 733 މުވައްޒަފުންނަކީ އެސްޓީއޯ އިން ކުރަމުންދިޔަ ބޭހާއި މެޑިކަލް ސަޕްލައިގެ މަސައްކަތްތައް އައު ކުންފުންޏަކަށް ބަދަލުކުރުމާ ގުޅިގެން، އެސް.ޓީ.އޯ އިން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އަށް ބަދަލުވި މުވައްޒަފުންނެވެ.

އަލަށް އުފެއްދި ފަސް ކުންފުނީގެ ތެރެއިން 866 މުވައްޒަފުން ތިބީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގައެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގައި 17 މުވައްޒަފުން ތިބިއިރު، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގައި ތިބީ 6 މުވައްޒަފުންނެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީގައި އަދި އެއްވެސް މުވައްޒަފަކު ނެތެވެ.

މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ އަދަދު މަދުކޮށް، ގެއްލުމުގައި ހިންގާ ކުންފުނިތައް މަރުކަޒީކޮށް ހިންގުމަށް ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ތަފްސީލުކޮށްދެއްވިއެވެ. އެގޮތުން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުފެއްދި މަގުސަދު ހާސިލުނުވާތީ އެ ކުންފުނި ވަނީ އުވާލާފައެވެ. އެތަނުގެ 12 މުވައްޒަފުން ވަނީ ކުޅިވަރާ ބެހޭ ވުޒާރާއަށް ބަދަލުކޮށްފައެވެ. އަދި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އުވާލުމަށް ނިންމައި، އެކަމަށްޓަކައި ލިކުއިޑޭޓަރަކުވެސް މިހާރު ވަނީ އައްޔަނުކޮށްފައެވެ. އެ ނިންމުން ނިންމިއިރު އެ ކުންފުނީގައި ތިބީ 10 މުވައްޒަފުންނެވެ. މީގެ އިތުރުން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އާ އެއްކޮށްލުމުގެ އެއްބަސްވުމުގައި 28 މޭ 2025 ގައި ވަނީ ސޮއިކޮށްފައެވެ. މި ބަދަލާއެކު، ރީޖަނަލް އެއާޕޯޓްސްގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ކުރިން ހޭދަކުރަމުންދިޔަ 10 މިލިއަން ރުފިޔާ ކޮންމެ މަހަކު ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމް.އޭ.ސީ.އެލްގެ އެހީތެރިކަމާއެކު، ރީޖަނަލް އެއާޕޯޓްތަކަކީ އެތަންތަނަށް ލިބޭ އާމްދަނީން ހިންގޭނެ ތަންތަނަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޒަރީރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކޮށް، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތައް ސަރުކާރުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.