"މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ،" އެމްއެންޑީއެފުން ބުންޏެވެ.

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި 'ފްރެންޑް 4' ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށް ދަނިކޮށް، އެ ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިމިއްޖެ ކަމަށާއި، އެމީހުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ހިނގި މި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި އަދި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައިވާ ކަމަށެވެ.
އަދި އޮޔާހިނގައި ދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ދިވެހި ސަރުކާރުގެ އެދުމަށް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެމެރިކާ ސަރުކާރުން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދު މަތިން ވަނީ އިއްޔެ ބަލައިފަ އެވެ. މިއީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އަދި ސާވެއިލަންސަށް ބޭނުންކުރާ ހާއްސަ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުން އިއްޔެ 6300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ،" އެމްއެންޑީއެފުން ބުންޏެވެ.
އެ ހިދުމަތުން ބުނީ ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަހައްދު 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށާއި، މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ވެސް ނޫން ކަމަށެވެ. އަދި މިއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިއާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެ ސަޕްލައި ދޯނީގައި އެ ދޯނީގެ ކައްޕި، މުހައްމަދު ހަމްދޫން ހިމެނޭހެން އަށް މީހުން ދަތުރުކުރި އެވެ. ދޯނި ދިޔަވަމުންދާކަން ރިޕޯޓު ކުރުމުން ވަގުތުން ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އެ އުޅަނދުގައި ތިބި ހަތް ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ.
މި ހާދިސާގައި ގެއްލިފައި ވަނީ ކައްޕި ހަމްދޫންގެ އިތުރުން ޕޮލިސް ސާޖަންޓް އަލީ ނާފިއު އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދެވެ.
ގެއްލުނު ތިން މީހުން ތިބީ ދޯނީގެ ވަތަށް ފައިބައި، ދިޔަ ހިއްކުމުގެ މަސައްކަތުގަ އެވެ. ނަމަވެސް ދޯންޏަށް އެރި ބިޔަ ރާޅަކާއެކު ދޯނި ބަންޑުން ޖަހައިލައި، އެމީހުން ކަނޑަށް ގެއްލުނީ އެވެ.
މި ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެފައިވާއިރު، އެމީހުން ހޯދުމަށް ޓަކައި އިއްޔެގެ 18:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ.