މި އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގޭ ބިލާ ގުޅޭ ދެ ޕެޓިޝަނެއްގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ޕެޓިޝަން ހުށަހެޅުމާ ބެހޭ މާއްދާއެއް ބަދަލުކުރަން ހުށަހަޅައިފި އެވެ.
މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 2000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
އޭގެ އިތުރުން ބިންތައް ސަރުކާރަށް ނެގޭ ބިލް ފާސް ކުރުމަށް ވެސް ގޮވާލާ ޕެޓިޝަނެއްގެ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ. އ
ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މިއަދު ވަނީ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގައި ހުންނަން ޖެހޭ ޝަރުތެއް އުނި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން އޭނާ ހުށަހެޅީ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށެވެ.
އެ މާއްދާގައި ބުނެފައި ވަނީ ޕެޓިޝަނެއްގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިޔަށްގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުމެވެ.
ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ބިލެއް ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނެވެ.
އޭނާއަކީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރަކަށްވީ ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލު ބަލައިގަންނަން ފާސްކޮށް ކޮމިޓީ މަރުހަލާ ފަށައިފަ އެވެ.