ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ ޖުމްލަ ދަަރަނި ވަނީ 124.5-122 ޕަސެންޓަށް ދަށްވެފަ އެވެ.

ރާއްޖޭގެ ތާރީހުގައި އެއްފަހަރާ އަދާކުރި އެންމެ ބޮޑު ދަރަނި މި އަހަރު ދެއްކުމާއެކު ރާއްޖޭގެ ޖުމްލަ ދަރަނި ކުޑަވެއްޖެ އެވެ.
ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 155 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ % 124.5 އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ޖުމްލަ ދަަރަނި 152 ބިލިއަން ރުފިޔާއަށް ދަރަނި ތިރިވެ ޖީޑީޕީގެ ނިސްބަތުން ވަނީ % 122.7 އަށް ވެއްޓިފަ އެވެ. ދެ ކުއާޓަރުގައި ޖުމްލަ ދަރަނި ހުރި މިންވަރު އަޅާކިޔާނަމަ % 1.44 ދަށްވެފައިވާ ކަމަށް ދައްކަ އެވެ.
މި ހިސާބުތައް ދައްކާ ގޮތުން ބޭރުގެ ދަރަނި ފުރަތަމަ ކުއާޓަރުގައި ހުރީ 62,742.5 ބިލިއަން ރުފިޔާ ގަ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި މި އަދަދު ވަނީ 55,424.5 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. ބޭރުގެ ދަރަނިން 7,318.0 ބިލިއަން ރުފިޔާ ދަށްވެފައެވެ. އަދި އެތެރޭގެ ދަރަނި ފުރަތަމަ ކުއާޓަރުގައި 92,274.0 ބިލިއަން ރުފިޔާގައި ހުރިއިރު ދެވަނަ ކުއާޓަރުގައި ވަނީ 97,353.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެތެރޭގެ ދަރަންޏަށް 5,079.3 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.
ދައުލަތުގެ ޖުމްލަ ދަރަނި ދަށްވެފައިވަނީ ބޭރުގެ ދަރަނި ވަރަށް ބޮޑުތަނުން (7.3 ބިލިއަން ރުފިޔާއިން) ދަށްވުމާ ގުޅިގެންނެވެ. އެހެންނަމަވެސް، ހަމަ މި މުއްދަތުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ (5 ބިލިއަން ރުފިޔާ އިން) އިތުރުވެފައެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދަރަނި އަދާކުރުމަށް ވަނީ 16,949.6 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދަރަނި އަދާކުރަން ޕްރިންސިޕަލް ރީޕޭމަންޓުގެ ގޮތުގައި 14,897.8 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި އިންޓްރެސްޓާއި އެހެނިހެން ފީތަކުގެ ގޮތުގައި 2,051.8 ބިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.