ނިރުފެހި އަލިފާނުގައި 10 މީހަކު މަރުވިއެވެ. އަލިފާނުގެ ހާދިސާގައި އަނދާހުލުވި އިމާރާތް ސާފު ކުރަނިކޮށް އިންސާނެއްގެ ފައިތިލަ ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ފުލުހުން މިހާރު ދަނީ ފައިތިލައިގެ ޑީއެންއޭ ނަގާ ތަހުލީލު ކުރަމުންނެވެ.
މ. ނިރުފެހި ގޭގެ ގަރާޖުގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ފަހު އިމާރާތް ސާފުކުރުމުގެ މަަސައްކަތް ކުރަނިކޮށް މީހެއްގެ ފައިތިލަ ފެނިފައިވާއިރު އެއީ ކާކުގެ ފައިތިލައެއްތޯ ބެލުމަށް ޑީއެންއޭ ހަދަން ނިންމައިފި އެވެ.
އެކަން ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ "މި" ނޫހަށް ޔަގީން ކޮށް ދެއްވާފައެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މެންދަމު 12:30 ގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އެވެ. އެ މީހުންގެ ހަށިގަނޑުތައް އިމާރާތުގެ ތެރެއިން ފެނުނުއިރު ވަރަށް ބޮޑަށް ވަނީ އަނދާފަ އެވެ. އިމާރާތް ސާފުކުރުމުގެ މަސައްކަތް ކުރަނިކޮށް މީހެއްގެ ފައިތިލަ ފެނިފައިވާ ކަމަށް ފުލުހުން ބުނީ އޭގެ ހަ ދުވަސް ފަހުން ނޮވެންބަރު 15 ގައެވެ.
އަލިފާނުގައި މަރުވި މީހުންގެ ބައެއް ގުނަވަންތައް ނެތް ކަމަކަށް ފުލުހުން ނުބުނެއެވެ. ނަމަވެސް ބައެއް ހަށިގަނޑުތައް އެއީ ކާކުކަން ނޭންގޭ މިންވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވީމަ މީހެއްގެ ފައިތިލަ ފެނުމުން މަތުވި މީހުންގެ އަދަދު އިތުރުވީތޯ ބައެއް މީހުން ސުވާލު އުފައްދައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި ފަހުން ފެނުނު ފައިތިލައިގެ ޑީއެންއޭ ސާމްޕަލް ނަގާ ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާ މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ. އެ އެންމެންގެ ހަށިގަނޑުތައް މިހާރު ވަނީ ގައުމަށް ގެންގޮސްފައެވެ.