ގެއްލުނު 3 މީހުން ހޯދަން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް

އޭވިއޭޓާޒް މޯލްޑިވްސް އިން ބުނި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ އެމެރިކާގެ ނޭވީގެ "ބޮއިންގް ޕީ-8އޭ ޕޮސައިޑަން" މަރުކާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެކެވެ.

ސަޕްލައި ދޯނި ބަންޑުން ޖަހާލައި ތިން މީހުން ގެއްލުނު ސަރަހައްދު

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި 'ފްރެންޑް 4' ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށް ދަނިކޮށް، އެ ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ހަރަކާތްތެރިވާން ފަށައިފި އެވެ.

އޭވިއޭޓާޒް މޯލްޑިވްސް އިން ބުނި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ އެމެރިކާގެ ނޭވީގެ "ބޮއިންގް ޕީ-8އޭ ޕޮސައިޑަން" މަރުކާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެކެވެ. އެ އުޅަނދު މިއަދު ވަނީ ސަޕްލައި ދޯނި ގެއްލުން ސަރަހައްދުގެ 1،500 ފޫޓު ތިރިން ދަތުރުކޮށްފަ އެވެ.

ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެ ސަޕްލައި ދޯނީގައި އެ ދޯނީގެ ކައްޕި، މުހައްމަދު ހަމްދޫން ހިމެނޭހެން އަށް މީހުން ދަތުރުކުރި އެވެ. އެކަން ރިޕޯޓު ކުރުމުން ވަގުތުން ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އެ އުޅަނދުގައި ތިބި ހަތް ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ.
 
މި ހާދިސާގައި ގެއްލިފައި ވަނީ ކައްޕި ހަމްދޫންގެ އިތުރުން ޕޮލިސް ސާޖަންޓް އަލީ ނާފިއު އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދެވެ. 

ގެއްލުނު ތިން މީހުން ތިބީ ދޯނީގެ ވަތަށް ފައިބައި، ދިޔަ ހިއްކުމުގެ މަސައްކަތުގަ އެވެ. ނަމަވެސް ދޯންޏަށް އެރި ބިޔަ ރާޅަކާއެކު ދޯނި ބަންޑުން ޖަހައިލީ އެވެ. އޭގެ ފަހުން އެ ތިން މީހުންގެ ހަބަރެއް ނުވެ އެވެ.


އެމްއެންޑީއެފް އިން ބުނެފައި ވަނީ މި ހާދިސާގައި ދޯނި އަޑިޔަށްގޮސްފައި ވަނީ ހުވަދޫ ކަނޑުގެ ތެރެއަށް ކަމަށާއި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދުގެ ފުންމިން 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށެވެ. މިއީ، އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިއާ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ވަރަށްވުރެ ފުން ކަނޑެކެވެ.

އެމްއެންޑީއެފް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ. އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފް އާއި ފޮރިން މިނިސްޓްރީން ދަނީ އެމެރިކާގެ އެހީ ހޯދަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.