އެ މުވައްޒަފު އެ އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށާއި، މައުލޫމާތު ލީކުކޮށްފައިވަނީ ކުންފުނީގެ މުވައްޒަފަކު ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، ސިސްޓަމުގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފަކުކަން އެތެރޭގެ ތަހުގީގުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އަދި އެ މުވައްޒަފު އެ އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެވުނު ކަމަށް ކުންފުނިން ބުންޏެވެ. އަދި ރޭގެ 11:30 ގައި ސާވާ އަދި ބެކްއެންޑް ސިސްޓަމް ވަނީ ރައްކާތެރިކަމާއެކު އަލުން ރީސްޓޯރކޮށް، ސެކިއުރިޓީ ކަށަވަރުކޮށްފަ އެވެ.
އެހެންކަމުން މިއީ އެޕްލިކޭޝަންގެ ފަޔަވޯލްއަށް ބޭރުން ހަމަލާއެއްދީގެން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި، މިހާރު ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބެމުންދާނެ ކަމަށް ވަނީ ޔަގީންކޮށްދީފަ އެވެ.
މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށާއި، ކުންފުނީގެ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާމެދު އަޅާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އަދި މިފަދަ ކަންކަމަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކުރުމަށް ހިންގާ އަމަލުތަކެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިގެން އައިއިރު ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށް ޝުކުރު އަދާކުރަމުން، ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނީގެ ގޮތުގައި، ކަނޑައެޅިފައިވާ ހެޔޮ އަގުގައި ލުއިފަސޭހަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފަ އެވެ.