މިފަހަރު ގެންނަ އިސްލާހުތަކާއެކު ދިވެހިންނަށް އިސްކަންދީ ލުއިތަކެއް ވަނީ ދީފަ އެވެ. އަދި ގެސްޓްހައުސްތަކުން މާރުކުރާ އަދަދަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުވެ، ގިނަ ލުއިތަކެއް ލިބެން މެދުވެރިވި ބަދަލު ފުރަތަމަ ގެނައިއިރު އޮތް ގޮތުން ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތައް ފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ %20 މާރުކުރުމުގެ އިހުތިޔާރު ލިބިދީފައިވެއެވެ. މި ބަދަލު މިގޮތުގައި އޮތުމުގެ ސަބަބުން މި ގަވައިދުން ލިބެން ޖެހޭ ހަގީގީ މަންފާއެއް ނުކުރެއެވެ. އަދި މި އުސޫލު ބަދަލު ކުރަން ކުރިން ވަނީ ބައެއް ޓޫރިޒަމް ޖަމިއްޔާތަކުންވެސް ލަފާ ދީފަ އެވެ.އެހެންވެ އެމްއެމްއޭއިން ވަނީ މިއުސޫލު ބަދަލުކޮށް ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަންޖެހޭ އުސޫލު އުވާލާފަ އެވެ. އޭގެ ބަދަލުގައި މިހާރު ލާޒިމުކޮށްފައިވަނީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ % 20 މާރުކުރާ ގޮތަށެވެ. މިއީ ޓޫރިޒަމް ދާއިރާއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ ނިސްބަތް އެއްހަމައެއްގައި ހިފެހެއްޓުމަށް ގެނެވުނު މުހިންމު ބަދަލެކެވެ.
ޓޫރިޒަމް ދާއިރާގައި ނުހިމެނޭ، ނަމަވެސް ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ޝަރުތަށް މި އިސްލާހުގެ ދަށުން ވަނީ ބޮޑު ލުޔެއް ދީފައެވެ. ކުރިން މިފަދަ ވިޔަފާރިތަކުން ފައިސާ މާރުކުރަން ލާޒިމުވަނީ އަހަރީ އާމްދަނީ 15 މިލިއަން ޑޮލަރަށް އަރާނަމަ އެވެ. އެހެންނަމަވެސް، މި އިސްލާހާއެކު މި ލިމިޓް ވަނީ 25 މިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ. މީގެ ސަބަބުން 15 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އާމްދަނީ ލިބޭ ގިނަ ވިޔަފާރިތަކަކަށް ޑޮލަރު މާރުކުރުމުގެ ލާޒިމުކަމުން އިސްތިސްނާވެގެންދާނެ އެވެ. މީގެ ސަބަބުން އެންމެ ބޮޑު މަންފާއެއް ކުރާނީ ދިވެހި ކުންފުނިތަކަށެވެ. ދިވެހި ކޮންޓްރެކްޓަރުންނާއި ދިވެހިންނަށެވެ، މީގެ އިތުރުން ގެސްޓްހައުސްތަކުން މާރުކުރުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
މި އިސްލާހުތަކާއެކުވެސް، ފައިސާ މާރުކުރަންޖެހޭ ސުންގަޑި އަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެގޮތުން ފައިސާ މާރުކުރަންޖެހޭނީ އާމްދަނީ ލިބޭ މަސް ނިމޭތާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ގަވާއިދު އުވާލުމަށްފަހު ގާނޫނުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.