ސަރުކާރުގެ ތަފާތު އެކި އިސް މަގާމުތައް ކުރިން ފުރުއްވާފައިވާ ޖަމީލާ މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ-އެޓް-ލާޖުގެ މަގާމެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އާ ސަފީރަކަށް ޖަމީލާ އަލީ ހާލިދު އައްޔަންކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މަޖިލީހުގެ ރިޔާސަތުން، ފޮރިން ސާވިސްގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޖަމީލާ އެ މަގާމަށް ހަމަޖެއްސުމަށް ފޮނުއްވި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ސަރުކާރުގެ ތަފާތު އެކި އިސް މަގާމުތައް ކުރިން ފުރުއްވާފައިވާ ޖަމީލާ މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ-އެޓް-ލާޖުގެ މަގާމެވެ.
ޖަމީލާ ވަނީ 2017 އިން 2019 އަށް ޖަރުމަނުވިލާތުގައި ހުންނެވި ރާއްޖޭގެ ފުރަތަމަ ސަފީރުކަން ކުރެއްވުމުގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަންވެސް ކުރައްވައިފަ އެވެ.
އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.